އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑުގެ އާ ވޭރިއަންޓް އަވަހަށް ފެތުރުނު ނަމަވެސް ބަލި ޖެހޭ މީހުންގެ ހާލު ސީރިއަސްވާ ކަމަށް ދިރާސާތަކުން ނުދައްކާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ އިނގިރޭސިވިލާތުން ފެނިފައިވަނީ، އާ ވައިރަހެއް ނޫން ކަމަށާއި އެއީ ކުރީގެ ވައިރަހަށް ކުދިކުދި ބަދަލުތަކެއް އައިސްގެން އުފެދުނު ކުރީގެ ވައިރަސްގެ ވޭރިއޭޝަންތަކެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑުގެ އާ ވޭރިއަންޓް ޖެހޭ މީހުންގެ ހާލު ސީރިއަސްވާ ކަމަށް ދިރާސާތަކުން އެނގެން ނެތް ކަމަށެވެ.

"އިނގިރޭސިވިލާތުގައި މިހާތަނަށް މިކަމާ ގުޅިގެން ކުރި ދިރާސާތަކުން ފެންނަ ގޮތުގައި މި ވޭރިއެންޓް، މި ވައިރަސްގެ އެހެން ވައްތަރުތަކާ ހިލާފަށް އިތުރަށް ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ފާހަގަކުރެވޭ. އެހެން ނަމަވެސް މި ވޭރިއެންޓްގެ ސަބަބުން ބަލި ޖެހޭ މީހުން އިތުރަށް ސީރިއަސްވާ ކަމަކަށް ފާހަގަކުރެވިފައެއް ނުވޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް 19އަށް އުފައްދާފައިވާ ވެކްސިން ކޮވިޑުގެ އާ ވޭރިއަންޓަށް ބޭނުންކުރެވޭނެކަން ނުވަތަ ނޫންކަން އަދި ހޯދިފައި ނުވާ ކަމަށާއި އެކަމަށް އެންމެ އަަވަހަށްވެސް ޖަވާބެއް ލިބޭނީ ދެ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނުމުން ގިނަ ގައުމުތަކުން ވަނީ އެ ގައުމަށް ދަތުރުކުރުން މެދުކަނޑާލައިފައެވެ.