ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑުގެ އާ ވޭރިއަންޓާ ގުޅިގެން ރާއްޖޭގައި މިވަގުތު އޮތީ އާންމު ފިޔަވަޅުތަކަށް އަމަލުކޮށް، ބަލި ކޮންޓްރޯލުކުރުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތާއި ސައުތު އެފްރިކާ ފަދަ ގައުމުތަކުން ކޮވިޑުގެ އާ ވޭރިއަންޓެއް ފެނިފައިވާ އިރު، އެކަމަށް އިޝާރާތްކުރައްވައި އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އާ ވޭރިއަންޓުން ރައްކާތެރިވުމަށް މިވަގުތު ކުރެވޭނެ ކަމަކީ މިހާރު އަމަލުކުރަމުން އަންނަ ފިޔަވަޅުތައް މަތީގައި ދެމިތިބުން ކަމަށެވެ.

އެގޮތުން، މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

"ހާއްސަކޮށް ޓޫރިސްޓުންނަށް ހިދުމަތްދޭ ސަފާރީތައް، ރިސޯޓުތައް، އަދިވެސް ޓޫރިސްޓުންނަށް ހިދުމަތް ދޭ އެހެން ތަންތަން. މިސާލަކަށް ޑައިވް ސެންޓާ އަދި ސްވެނިއާ ސޮޕް ކަހަލަ ތަންތަނުގައި ހިދުމަތް ދިނުމުގައި އަޅަން ޖެހޭ ޖެނެރަލް މެޝާސް އެޅުން ވަރަށް މުހިންމު އަދި އެ ފިޔަވަޅުތައް އެތަނުގައި އެޅޭތޯ މޮނީޓާ ކުރުންވެސް އެއީ މުހިންމު ކަމެއް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޮވިޑުގެ ކޭސްތައް މަދުވެފައިވަނީ ކޮވިޑާ ގުޅިގެން އެކުލަވައިލި ގައިޑްލައިންތަކަށް އަމަލުކުރާތީ ކަމަށާއި ކޮވިޑުގެ އާ ވޭރިއަންޓު ރާއްޖެއިން ފެނުނު ނަމަވެސް، މިހާރު ހުރި ފިޔަވަޅުތަކަށް އަމަލުކޮށްފިނަމަ އެކަމުގެ ނުރައްކަލުން ސަލާމަތްވެވޭނެ ކަމަށެވެ.

"ވޭރިއެންޓެއް އައީތީއޭ ކިޔާފައި ބަލިން ރައްކާތެރިވުމަށް އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކުގައި ދެމިތިބުމަކީ ވަރަށް މުހިންމު ކަމެއް. އޭރުން އާ އެއްޗެއް އަޅުގަނޑުމެންނަށް ނޭނގި އަޔަސް އޭގެން އަޅުގަނޑުމެން އޯލްރެޑީ ރައްކާތެރިވެފައި ތިބޭނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑުގެ އާ ވޭރިއަންޓާ ގުޅިގެން ރާއްޖެއިން ރިސްކް އެސަސްމެންޓެއް ހަދައި، އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި ވަކި ފިޔަވަޅެއް އެޅުމަށް ނިންމާފައި ނުވާ ކަމަށް ވިދާޅުވިއެވެ.