ކ. ތިލަފުށީ ފަޅުތެރޭގައި އޮތް ދެ ދޯންޏެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ، އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހަވީރު 4:40 ހާއިރު ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވިލާ ސައިޓުގައި އޮތް ދެ ދޯންޏެއްގައި ކަމަށާއި އެ ދެ ދޯނީގެ ވާ ކަނޑާލުމުން ދޯނި ފަޅުން ބޭރަށް އޮޔާ ދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި ދިވެއްސަކާއި ބިދޭސީއަކު ފިހިގެން މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށާއި އެ ހާދިސާ ހިނގީ ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ދެ ދޯނީގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް "އެންއެންޑީއެފް ފަޔާ ލޯންޗު" ކަނޑުމަތިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފްގެ ފަޔާ ލޯންޗުން މިއަދު ހަވީރު 5:37 ގައި އަލިފާން ކޮންޓްރޯލްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.