ހައިކޯޓު

ވަޒީފާއިން ވަކިކުރި އިރު، ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ޖަނާހަށް ދިނުމަށް ހުކުމްކޮށްފި

އިބްރާހިމް ޒަކީ

އޮކްޓޫބަރު 27، 2016 އިން ފެށިގެން މެހޮގަނީ ޕްރައިވެޓް ލިމިޓެޑްގެ ޗީފް އިލެކްޓްރީކްޝަންގެ މަގާމު އަދާކުރަމުން ދަނިކޮށް 10 ޖެނުއަރީ 2018 ގައި އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ދ. މާއެނބޫދޫ، ފެހިއަލި، އިސްމާއީލް ޖަނާހު، ވަޒީފާއިން ވަކި ކުރި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން ބާތިލުކޮށް، ޖަނާހު އެ މަގާމު އަދާކުރަމުންދިޔަ އިރު، ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާ އޭނާއަށް ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި، ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ އެ ފައިސާގެ އިތުރުން، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ދިނުމަށާއި، އެ ވަޒީފާ ދިނުމާ ހަމައަށް ވޭތުވެދިޔަ މުއްދަތަށް ލިބިދޭން މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ޖަނާހަށް ދިނުމަށް ވެސް ނިންމައިފައެވެ

ނަަމަވެސް މެހޮގަނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓްރައިބިއުނަލްގެ އެ ނިންމުން ގާނޫނާއި ގަވާއިދާ ހިލާފު ކަމަށްބުނެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބަލައި، ހައިކޯޓުން އިއްވި ހުކުމްގައި ވަނީ "ރީތިފަރު ރިސޯޓް ތަރައްގީކޮށް ނިންމުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ކަނޑައަޅާފައިވާ އެންމެފަހުގެ ތާރީހު ކަމުގައިވާ 10 މާޗް 2018 ގެ ނިޔަލަށް މެހޮގަނީ ޕްރައިވެޓް ލިމިޓެޑްގައި އިސްމާއީލް ޖަނާޙް އަދާކުރަމުންދިޔަ ޗީފް އިލެކްޓްރިޝަންގެ މަގާމުން ލިބެމުންދިޔަ މުސާރަ އާއި އެންމެހައި އިނާޔަތްތަކާއި އަދި ބޭނުން ނުކޮށް އޮތް ޗުއްޓީއަކަށް ދޭން ޖެހޭ ފައިސާއެއް އޮތްނަމަ އެމިންވަރަކާއެކު، އިސްމާއީލް ޖަނާހުއަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅައި، 10 މާޗް 2018ގެ ނިޔަލަށް ބަޔާންވެދިޔަ ގޮތުގެ މަތިން، އިސްމާއީލް ޖަނާޙަށް ލިބެން ޖެހޭ ޖުމްލަ ފައިސާގެ އަދަދަށް އުނިކަމެއް ނާންނާނެހެން، އޭނާ ވަޒީފާއިން ވަކިކުރުމާއިގުޅިގެން ލިބިދީފައިވާ ފައިސާއިން އުނި އިތުރު ހަމަޖައްސައި، އިސްމާއީލް ޖަނާހުއާ ފައިސާ ހަވާލުކުރަން،" އަމުރު ކޮށްފައެވެ.

އެ ފައިސާ ޖަނާހުއާ ހަވާލު ކުރުމަށްފަހު، ސަރުކާރު ބަންދުނޫން ހަތް ދުވަހުގެ ތޭރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމަކުން އެކަން އެންގުމަށް ވެސް މެހޮގަނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ހައިކޯޓުގެ ހުކުމްގައި ވަނީ އަމުރުކޮށްފައެވެ.