ކޮވިޑް 19 ގެ އާ ވައްތަރެއް އިނގިރޭސިވިލާތުން ފެނިފައިވާތީ އެކަމާ ގުޅިގެން ރާއްޖެއިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިދިކޮޅު ޕީއެންސީން ސަރުކާރަށް ގޮވާލައިފިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް އެކަން ގެންނެވުމަށް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް 19ގެ މުޅިން އާ ވައްތަރެއް އިނގިރޭސިވިލާތުން ފެނުމުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން، އެ ގައުމަށް ދަތުރުކުރުމާއި އަދި އިނގިރޭސިވިލާތުން އެ ގައުމުތަކަށް ދަތުރުކުރުން ހުއްޓާލާފައިވާ ކަމަށެވެ.

އެހެންކަމުން އެކަމުގައި ރާއްޖެއިން ވެސް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް 19ގެ މުޅިން އާ ވޭރިއަންޓެއް އިނގިރޭސިވިލާތުގައި ފެތުރެމުންދާތީ ގިނަ ގައުމުތަކުން އެގައުމާއެކު ދަތުރުފަތުރު މެދުކަނޑާލާފައިވާ އިރު، އެކަމާ ގުޅިގެން ރާއްޖޭން އަޅާނެ ފިޔަވަޅަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިނިގިރޭސިވިލާތުގައި ކޮވިޑްގެ މުޅިން އާ ވޭރިއަންޓެއް ފެތުރެމުންދާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ފަރާތުންވެސް ލިބިފައިވާ ކަމަށާއި އެހެންކަމުން އެކަމާ ގުޅިގެން ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެފަދަ ވޭރިއަންޓަކުން ރައްކާތެރިވުމަށް ފަތުރުވެރިން އަންނަ ތަންތަނުގައި ހުރި ފިޔަވަޅުތައް ވަރުގަދަކޮށް އެތަންތަން ގާތުން މޮނީޓާކޮށް، ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އިނގިރޭސިވިލާތުން ފެނުނު ކޮވިޑުގެ އާ ވޭރިއަންޓުގައި ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 އިންސައްތަ އިތުރެވެ. ކޮވިޑްގެ އާ ވޭރިއަންޓް ޑެންމާކް، އިޓަލީ އަދި ނެދާލެންޑްސްއިން ފެނިފައިވާ އިރު، އެ ވޭރިއެންޓް ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެމުންދާ ކަމަށް ޔޫކޭގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮވެސް ވަނީ ވިދާޅުވެފައެވެ. އެއާއެކު ބައެއް ގައުމުތަކުން ވަނީ އެގައުމަށް ދަތުރުކުރުން މެދުކަނޑާލައިފައެވެ. އޭގެ ތެރޭގައި އިޓަލީ، ފްރާންސް އަދި ޖަރުމަން ހިމެނެއެވެ.

އިނގިރޭސިވިލާތުން ދަތުރުކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއާއެކު މިދިޔަ މަހުން ފެށިގެން ދެ ގައުމުގެ ދެމެދު ފްލައިޓުތައް އަލުން އޮޕަރޭޓް ކުރަން ފަށާފައިވާ އިރު، ޖުލައި 15ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް 12،000 އަށްވުރެ ފަތުރުވެރިން އައިސްފައިވެއެވެ.