މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް އަދި ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ "ވަން" އެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.

އޮކްޓޯބަރު 15، 2019 ގައި ޝަޒައިލް ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅަން ރައީސް އޮފީހުން އާއްމުކޮށްފައިވާ ޕޯޓަލް އަށް ލިބުނު ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަތައް ސީރިއަސް ކަމަށް ބެލެވިގެން ތަހުގީގީ އިދާރާތަކުން ތަހުގީގުކޮށް ނިމެންދެން އޭނާ ސަސްޕެންޑްކުރީ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު ހަސަން މަނިކު "ވަން" އަށް ވިދާޅުވީ، ޝަޒައިލްއާ ދެކޮޅަށް ހުށަހެޅި ރިޝްވަތުގެ މައްސަލަ ސާބިތުނުވާ ކަމަށެވެ. ނަމަވެސް އެ ތަހުގީގު ތެރެއިން ފާހަގަވި މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާތީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ހަސަން އިތުރަށް ވިދާޅުވީ، ޝަޒައިލްގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފާހަގަވި އިތުރު ތިން މައްސަލައެއް އޭސީސީން ބަލަމުން އަންނަ ކަމަށެވެ.

އެއީ އެތަނުގެ މުވައްޒަފެއްގެ އެކައުންޓަށް ޝައްކުކުރެވޭ ފައިސާތަކެއް ވަދެފައިވާ ބެލެވޭ މައްސަލައަކާއި މުވައްޒަފެއް ވަޒީފާއަށް ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އަދި ކުންފުނިން ގެންދިޔަ މަރާމާތުގެ މަސައްކަތެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތެވެ.