ކޮވިޑް 19ގެ މުޅިން އާ ވޭރިއަންޓެއް އިނގިރޭސިވިލާތުގައި ފެތުރެމުންދާތީ ގިނަ ގައުމުތަކުން އެގައުމާއެކު ދަތުރުފަތުރު މެދުކަނޑާލާފައިވާއިރު، އެކަމާ ގުޅިގެން ރާއްޖޭން އަޅާނެ ފިޔަވަޅަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިނިގިރޭސިވިލާތުގައި ކޮވިޑްގެ މުޅިން އާ ވޭރިއަންޓެއް ފެތުރެމުންދާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ފަރާތުންވެސް ލިބިފައިވާ ކަމަށާއި އެހެންކަމުން އެކަމާ ގުޅިގެން ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"މިއާ ބެހޭ މައުލޫމާތު އަޅުގަނޑުމެންނަށް ލިބޭ މިންވަރަކުން ފިޔަވަޅުތައް އަޅަމުން ގެންދާނަން. މިހާރު ޑަބްލިޔުއެޗްއޯގެ ފަރާތުންވެސް އެއާ ބެހޭ މައުލޫމާތު ލިބިފައި ވަނީ. ޓެކްނިކަލް ޓީމުން އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދަމުން މިދަނީ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ ވޭރިއަންޓަކުން ރައްކާތެރިވުމަށް ފަތުރުވެރިން އަންނަ ތަންތަނުގައި ހުރި ފިޔަވަޅުތައް ވަރުގަދަކޮށް އެތަންތަން ގާތުން މޮނީޓާކޮށް، ސާފުތާހިރުކަމާއި ގައިދުރުކަމަށް އިސްކަންދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އާ ވޭރިއަންޓުގައި ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 އިންސައްތަ އިތުރެވެ. ކޮވިޑްގެ އާ ވޭރިއަންޓް ޑެންމާކް، އިޓަލީ އަދި ނެދާލެންޑްސްއިން ފެނިފައިވާއިރު، އެ ވޭރިއެންޓް ކޮންޓްރޯލް ނުކުރެވޭ ވަރަށް ފެތުރެމުންދާ ކަމަށް ޔޫކޭގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮވެސް ވަނީ ވިދާޅުވެފައެވެ. އެއާއެކު ބައެއް ގައުމުތަކުން ވަނީ އެގައުމަށް ދަތުރުކުރުން މެދުކަނޑާލައިފައެވެ. އޭގެ ތެރޭގައި އިޓަލީ، ފްރާންސް އަދި ޖަރުމަން ހިމެނެއެވެ.

އިނގިރޭސިވިލާތުން ދަތުރު ކުރަން ރައްކާތެރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިދިއަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެއާއެކު މިދިޔަ މަހުން ފެށިގެން ދެ ގައުމުގެ ދެމެދު ފްލައިޓުތައް އަލުން އޮޕަރޭޓް ކުރަން ފަށާފައިވާއިރު، ޖުލައި 15ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް 12،000 ވުރެ ފަތުރުވެރިން އައިސްފައިވެއެވެ.