މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރަށްވެސް ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި މި ސަރަހައްދުގެ ބަހުގެ ދަތުރުފަތުރުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރުމަށް ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާލުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޓީސީސީއަށް 40 އަހަރު ފުރުމާ ގުޅިގެން ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގަ އެވެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ހަވާލު ކުރާ މަސައްކަތްތައް އެމްޓީސީސީން ބަރާބަރަށް ނިންމަމުން ގެންދާ ކަމަށާއި އެކުންފުންޏަކީ ދަތުރުފަތުރަށް ހާއްސަ ކުންފުންޏެއް ކަމަށްވުމުން އެކުންފުންޏަށް މާލޭ ސަރަހައްދުގެ ބަހުގެ ހިދުމަތް ދިނުމަށް ހަވާލުކުރުމަށް ވިސްނަމުން އަންނަ ކަމަށެވެ.
މާލެ ސަރަހައްދުގައި ބަހުގެ ދަތުރުފަތުރު މިހާރު ދެމުންގެންދަނީ އެމްޕީއެލްއިންނެވެ. ނަމަވެސް ބަހުގެ ހިދުމަތްތައް އެމްޓީސީސީގެ ދަށަށް ގެނައުމަށް ބޭނުންވާ ހުރިހާ މަޝްވަރާއެއް ކޮށް ނިމިފައިވާ ކަމަށާއި އަދި އަންނަ އަހަރު ކުރީކޮޅު ރަސްމީކޮށް އެކުންފުންޏާ މި މަސައްކަތް ހަވާލުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިހާރު ވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ހިދުމަތަކީ ދަތުރުފަތުރުގެ ހިދުމަތް ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ގަސްދުކުރާ އެންމެ މުހިންމު އެއް މަޝްރޫއަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކަމަށެވެ. އެކަން ކުރާނެ ގޮތުގެ ޕްލޭނުތައް ޕްލޭނިން މިނިސްޓްރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީން މިހާރު އެކުލަވާލާފައިވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެ މަޝްރޫއުވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަ އިސްކަމެއް ދޭން ސަރުކާރުން ނިންމަވާފައިވާ ކަމަށާއި އެއީ ލާމަރުކަޒީ ނިޒާމުން އަސާސީ ހިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިއަށްވުރެ އެތައް ގުނައެއް މިހާރު ބޮޑުވެފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފަ އެވެ.
އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި، އެމްޓީސީސީން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު