ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލައް، މީގެ ސަތޭކަ އަހަރު ކުރިން

މުހައްމަދު ނާޖިހު

ފުވައްމުލަކަކީ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އަދި ރަށްތަކުގެ ތެރެއިންވެސް އެންމެ ތަފާތު އަތޮޅާއި ރަށެވެ. މި ތަފާތަކީ ފުވައްމުލައް އުފެދިފައި އޮތް ގޮތުން އެރަށަށް ލިބިގެންވާ ތަފާތެކެވެ. މީގެ އިތުރުން ފުވައްމުލަކަކީ މުއްސަނދި ތާރީޚެއް ލިބިފައިވާ ރަށެއްވެސްމެއެވެ. ރަށަކީ ދިވެހިރާއްޖޭގެ ބޯދާ ވަޒަންވެރިން އުޅުނުކަމަށް ބެލެވޭ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި ހަމަ އެހެންމެ މީގެ ހާސް އަހަރު ކުރީން ދިވެހި ކާބަފައިން ބުދުދީނަށް އުޅުނު ޒަމާންތަކުގެ އާސާރުތަކާއި އަދި އަށްސަތޭކަ އެތައް އަހަރެއްވާންދެން މިރާއްޖޭގައި އޮތް އިސްލާމީ ތަރިކައިން މުއްސަނދިވެފައިވާ ރަށެކެވެ.

ދުނިޔޭގެ ދެބައިހަމަ ނުވަތަ އީކުއޭޓަރުގެ ދެކުނުން އޮތް ރާއްޖޭގެ ދެ އަތޮޅުގެ ތެރޭގައި ހިމެނޭ ފުވައްމުލަކަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު ރަށެވެ. 5 އަކަކިލޯ މީޓަރާ ގާތްކުރާ ވަރުގެ ބޮޑުމިނުގެ ފުވައްމުލަކުގައި ގުދުރަތީގޮތުން އުފެދިފައި އޮންނަ ދެ ކުޅި އޮވެއެވެ. ފަޅެއް ނެތް ވަށައިގެން ފުއްޓަރު އޮތް ފުވައްމުލަކާ އެންމެ ކައިރީގައި އޮތީ އައްޑުއަތޮޅެވެ. އެއަށްފަހު ހުވަދުއަތޮޅެވެ. ރަށް ބޮޑުވުމުގެ އިތުރުން ފުވައްމުލަކަކީ ބޮޑު އާބާދީއެއްވެސް އޮތް ރަށެކެވެ. އާދެ! ދިވެހިރާއްޖޭގެ ތިންވަނައަށް އެންމެ ގިނަ މީހުން ދިރިއުޅޭ ރަށެވެ.

ފުވައްމުލައް މީގެ ގަރުނެއްހައި ދުވަސްކުރީން އޮތް ގޮތުގެ މައްޗަށް އަޅުގަނޑު މި ލިޔާ ލިޔުމުގެ މައިގަނޑު މަސްދަރަކީ އެޗް.ސީ.ޕީ. ބެލްގެ މޮނޮގްރާފާއި 1921 ގައި ނެގިފައިވާ ދިވެހިރާއްޖޭގެ ބޯހިމެނުމުގެ ހިސާބުގެ މައްޗަށް ލިޔެފައިވާ ރިޕޯޓެކެވެ. އާދެ! އެޗް.ސީ.ޕީ. ބެލްއަކީ ތިން ފަހަރެއްގެ މަތީން ދިވެހިރާއްޖެއަށް ދުރުވެ ގިނަ މައުލޫމާތުތަކެއް އެއްކުރައްވައި، ދިރާސާކުރައްވައި، އެކަމުގެ މައްޗަށް ފޮތާއި ތަފާތު އެކި ލިޔުންތައް ލިޔުއްވި މީހެކެވެ. މިގޮތުން އޭނާ ވަނީ 1879، 1920 އަދި 1922 ގައި ރާއްޖެއަށް ދުރުވެފައެވެ. ތިންވަނަ ދަތުރުގައި ފުވައްމުލަކަށްވެސް ޒިޔާރަތްކުރެއްވިއެވެ.

އާދެ! މީގެ ސަތޭކަ އަހަރު ކުރީން ފުވައްމުލައް އޮތް ގޮތަށް ބަލާއިރު މިހާރުގެ ފުވައްމުލަކާ ވަރަށް ތަފާތެވެ. ސުރުޚީގެ ތިރިން ފެންނަން އޮތް ފޮޓޮއިންވެސް މިހާރުގެ ފުވައްމުލަކާއި މީގެ ބައިގަރުނެއްހާ ދުވަސް ކުރިން އޮތް ފުވައްމުލަކާ ދެމެދު އޮތް ފަރަގު ވަރަށް ރީތިކޮށް ސިފަކޮށްލެވޭނެއެވެ. އެ ފޮޓޮއަކީ މީގެ ބަރާބަރު 45 އަހަރު ކުރިން އައްޑުއަތޮޅު ގަމުގެ އިނގިރޭސި ޝާހީ ވައިގެ ސިފައިންގެ މަރުކަޒުގައި މަސައްކަތްކުރި ރިޗަޑް ހާކޯޓްއޭ ކިޔުނު މީހަކު ނެގި ފޮޓޮއެކެވެ. އަސްލު ފޮޓޯ ހުރީ ކަޅާއި ހުދުންނެވެ. ކުލަކުރީ ފޮޓޯ ކުލަކުރުމުގެ ފަންނުގައި ކުރިއަރާފައި ދިވެހި ޒުވާނެއް ކަމަށްވާ އަހުމަދު ސައްފާހުއެވެ. ފޮޓޮއަކީ އަކީ 45 އަހަރު ކުރީގެ ފޮޓޮއެއް ނަމަވެސް މީގެ ސަތޭކަ އަހަރު ކުރިންވެސް ފުވައްމުލައް އޮންނާނީ ހަމަ އެގޮތަށް ކަމަށް ބެލެވެއެވެ. މިދެންނެވީ މަތިން ފޮޓޯ ނަގާ އިރުގައި އޮންނާނޭ ގޮތުގެ ވާހަކައެވެ.

އާދެ، ފުވައްމުލައް ސަތޭކަ އަހަރު ކުރިން އޮތް ގޮތަށް ބަލާއިރު ރަށުގައި ކަނޑުގެ ވިޔަސް ވައިގެ ވިޔަސް ބަނދަރެއް އޭރަކު ނެތެވެ. ވަށައިގެން ރާޅުބިންދާ ފުއްޓަރު އޮންނަ މިރަށަށް އޭރު އަރަން އޮންނަނީ ތިން ނެރެވެ. އެއީ ރަސްގެފަންނާއި މާނޭރެއާއި ދިއަރެހިފާނޑެވެ. މިތަނުން އެންމެ ގިނައިން ބޭނުންކުރެވުނު މައި ފަންނަކީ ރަސްގެފަންނެވެ. ރަށަކީ އޭރު ދިވެހިރާއްޖޭގައި އޮތް އެންމެ ބިންމޮޅު ގަސްގަހާގެހި އެންމެ ރަނގަޅަށް ހެދޭ ރަށްކަމަށް ބެލް ބަޔާންކުރައްވާފައިވެއެވެ. ރަށުގައި އޭރު އޮތީ ޚާއްސަކޮށް ރުއްގަހުގެ ޖަންގައްޔެކެވެ. އޭރު މިހާރު ހުންނަ ގޮތަށް މަގުތައް ނެތުމާއި ގޯތިތަކުގައި ރުއްގަސް ގިނަކަމުން މަތިން ބަލާ މީހަކަށް ރަށަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނެއްގެ ގޮތުގައި ނުފެންނާނެއެވެ. ދިވެހިންނަކީ އޭރު ރުއްގަހަށް ލޯބިކުރި ތިމާވެއްޓާ ރައްޓެހި ދިރިއުޅުމެއް އުޅުނު ބައެކެވެ. ދެން އެހެން ގޮތެއް ނެތިގެން ނޫނީ ރުއްގަހެއް ނުކަނޑާނެއެވެ. ކަނޑާ ގަހަށްވުރެ އިންދާ ގަސް ގިނަވާނެއެވެ.

މީގެ ސަތޭކަ އަހަރު ކުރީން ފުވައްމުލަކުގެ އާބާދީ އުޅެނީ ދެހާހުގެ ތެރޭގައެވެ. 1921 ގެ ބޯހިމެނުގެ ހިސާބުތައް ބުނާ ގޮތުން ފުވައްމުލަކުގެ އޭރުގެ އާބާދީއަކީ 1143 ފިރިހެނުންނާއި 1043 އަންހެނުންނާއެކު ޖުމުލަ 2186 މީހުންނެވެ. އޭރު މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު ދިރިއުޅުނު ރަށަކީ ފުވައްމުލަކެވެ. މިހާރު ދެވަނާގައި އުޅޭ އައްޑުއަތޮޅު ހިތަދޫގެ އޭރުގެ އާބާދީއަކީ 1771 އެވެ.

ކުރިން ދެންނެވި ފަދައިން ފުވައްމުލަކަކީ ބިންމޮޅު އަދި ބިންބޮޑު ރަށެއް ކަމުން ރަށުގެ އާބާދީގެ ގިނަބަޔަކު ދިރިއުޅުމަށްޓަކައި ކުރަމުންގެންދިޔަ މަސައްކަތަކީ ދަނޑުވެރިކަމެވެ. މިގޮތުން 317 އަންހެނުންނާއި 243 ފިރިހެނުންނާއެކު ޖުމުލަ 560 މީހުން ދަނޑުވެރީންގެ ގޮތުގައި ހަރަކާތްތެރިވިއެވެ. އޭރު އެރަށުގައި އުޅުނީ 162 މަސްވެރީންނެވެ. ރާވެރިންގެ ގޮތުގައި 105 މީހުން ހަރަކާތްތެރިވިއެވެ. މި ދެ މަސައްކަތަކީ ފިރިހެނުންގެ މަސައްކަތެވެ.

މީގެ ސަތޭކައެއްހާ އަހަރުކުރީން ދިރިއުޅުމަށްޓަކައި އެހެނިހެން މަސައްކަތްތައް ކުރަމުން ގެންދިޔަ ފުވައްމުލަކު މީހުންގެ ތެރޭގައި ގެތުމާއި ފެހުމުގެ މަސައްކަތްކުރި 72 އަންހެނުންނާއި ފޭރާންވިޔުމުގެ މަސައްކަތްކުރި އަންހެނަކާއި 41 ފިރިހެނުންނާއެކު ޖުމުލަ 42 މީހުން މި މަސައްކަތުގައި އުޅުނެވެ. މީގެ އިތުރުން ވަޑާންކުރި 22 ފިރިހެނުންނާއި ކަނބުރުވެރިކަންކުރި 13 ފިރިހެނުންނާއި އަތްކަންކުރި 7 ފިރިހެނުންނާއި ފަންޑިތަވެރިކަންކުރި 2 ފިރިހެނުންނާއި ބޭސްވެރިކަންކުރި 6 ފިރިހެނަކާއި 5 އަންހެނަކާއެކު ޖުމުލަ 11 މީހުން ބޭސްވެރީންގެ ގޮތުގައި ތިއްބެވެ. އޭރު ފުވައްމުލަކުގައި ހުރިކަމަށްވަނީ އެންމެ ފޫޅުމަޔަކާއި އެންމެ ނަކަތްތެރިއެކެވެ. ކީރިތި ގުރުއާނުގެ އިލްމު އުނގަންނައިދިނުމުގެ މަސައްކަތުގައި 7 ފިރިހެނަކާއި 6 އަންހެނަކު އުޅުނެވެ. މުޅި އެރަށުގައި އޭރު ހުރީ ފަންގިވިނުމުގެ މަސައްކަތްކުރާ އެންމެ މީހަކާއި ދާބަނުމުގެ މަސައްކަތްކުރާ އެންމެ މީހެކެވެ. ރަށުގައި ވިޔަފާރިކުރުމުގެ މަސައްކަތުގައި 18 ފިރިހެނަކު ހަރަކާތްތެރިވީއިރި 172 މީހުން އުޅުނީ ނޯކިރީކުރާ މީހުންގެ ގޮތުގައެވެ. އެއީ 113 އަންހެނުންނާއި 59 ފިރިހެނުންނެވެ.

ބޯހިމެނުމު ހިސާބުގައި ވަކި މަސައްކަތެއްގެ ގޮތުގައި ހިމަނާފައި ނުވިކަމުގައި ވިޔަސް އެދުވަސްވަރު ހިރިގަލު ވަޑާމުގެ މަސައްކަތުގެ ތެރެއިން ޚާއްސާކޮށް މަހާނަގާ ހެދުމުގެ މަސައްކަތުގައި އައްސުލްތާނު މުހައްމަދު ޣިޔާސުއްދީނުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލަގެފާނުންގެ ކާފަދަރިކަލެއް ކަމަށްވާ އަހުމަދު ދީދީ އުޅުއްވި ކަމަށް ބެލް ބަޔާންކުރައްވާފައިވެއެވެ. އަދި 1921 ގެ ބޯހިމެނުމުގެ ހިސާބުގައި 13 ކަނބުރެއްގެ ވާހަކަ ބަޔާންކޮށްފައި އޮތްއިރު 1922 ގައި އެރަށަށް ދުރުވި ބެލް ލިޔުއްވާފައި އޮތީ އޭރު އެރަށުގައި ހުރީ އެންމެ ކަނބުރެއް ކަމަށާއި އެއީ ފެންގަނޑުމަގު މުހައްމަދު ދީދީ ކަމަށެވެ. ފަހަރެއްގައި ބެލް ދުރުވިއިރު އެހެން ކަނބުރުން ރަށުން ބޭރުގައި ތިބީ ކަމަށް ވެދާނެއެވެ.

ބެލް ފުވައްމުލަކަށް ދުރުވިއިރު އެރަށުގައި ހީވެސްނުކުރާ ކަހަލަ ކުޑަކުޑަ ސިނާއަތެއް ފެށިގެން އުޅޭ ކަމަށް ބަޔާންކުރައްވާފައިވެއެވެ. އާދެ، އެކަމަކީ ސައިބޯނި އުފެއްދުމެވެ. އެއީ މުލަކު ސައިބޯނީގެ ގޮތުގައި އަރަބިން "ސާބުން މުލަކު" އަދި އިނގިރޭސިން "މޭޑް އިން މުލަކު" ލިޔެފައިވާ ނުހަނު ފުރިހަމައަށް ތައްޔާރުކުރާ ސައިބޯންޏެއް ކަމަށާއި އޭގެ ތިން ކުލައެއް ހުންނަކަމަށް އޭނާ ބަޔާންކުރައްވާފައިވެއެވެ.

ފުވައްމުލަކުގެ 560 ދަނޑުވެރީން ތިބިއިރު އެރަށަކީ ގޮވާންކުރާ ރަށެއް ނޫނެވެ. ރަށުގައި ދަނޑުވެރީން މައިގަނޑަކަށް ހައްދައިއުޅުނީ ފަލަމަޑީގެ ބާވަތްތަކެވެ. އަދި އޭގެ އިތުރުން ތަފާތު އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީއެވެ. ބެލް ލިޔުއްވާފައިވާ ގޮތުން ފުވައްމުލަކުގައި ރުކާއި ބަނބުކޭލާއި ފަތްކޭލުގެ އިތުރަށް އަނބާއި އަތައާއި ޖަނބުރޯލާއި ޖަންބާއި އަލަނާސިއާއި ނާރިނގުވެސް ހައްދައި އުޅެއެވެ. ބެލް ބަޔާންކޮށްފައިވާ ގޮތުން އެރަށަކީ ދުވަހަކުވެސް ކާބޯތަކެއްޗަށް ޖެހުނުކަން އެނގެން އޮތް ރަށެއް ނޫނެވެ. ރަށުގެ ފަސްގަނޑުންނާއި ކަނޑުން ލިބޭ ތަކެތިން ފުދި އިތުރުވެގެން އުޅުނު ރަށެކެވެ.

ފުވައްމުލައް އިދާރީ ގޮތުން އޭރު އޮތީ، ދިވެހިރާއްޖޭގެ ބޮޑެތި އެހެނިހެން ރަށްތައް ފަދައިން އަވަށްތަކަކަށް ބަހާފައެވެ. މިގޮތުން އެ ދުވަސްވަރު އެރަށުގައި 9 އަވަށް އޮތެވެ. އެ އަވަށްތަކަކީ ދަޑިމަގު، ދިގުވާޑު، ހޯދަޑު، ދަށުކުނބާ، މާދަޑު، މާލެގަން، ދޫޑިގަން، މިސްކިތްމަގު އަދި ފުނާޑެވެ. މި ނުވަ އަވަށުގައި ޖުމުލަ ހުރީ 443 ގެއެވެ. އޭގެ ތެރޭގައި 1 ނައިބުގެއާއި 13 އެދުރުގެއާއި 11 ބޭސްކުރާގެވެސް ހިމެނެއެވެ. މި ދުވަސްވަރު ފުވައްމުލަކުގައި ރާނައި ޓިނުން ހިޔާކޮށްފައި ހުރީ އެންމެ ގެއެކެވެ. ފަނުން ހިޔާކޮށްފައި ހުރި ރޭނި 14 ގެ ހުރިއިރު ބާކީ ހުރި ގެތަށް ހުރީ ފަނާއި ލަކުޑިންނެވެ. އޭރު ފުވައްމުލަކުގައި 48 މައިޒާންގެ ވެސް ހުއްޓެވެ.

ބޯހިމެނުމުގެ ހިސާބު ބުނާގޮތުން ފުވައްމުލަކުގައި އޭރު 26 މިސްކިތް ހުއްޓެވެ. އެކަމަކު ބެލް ލިޔުއްވާފައި އޮތީ 25 މިސްކިތް ކަމަށެވެ. މައި ދެ މިސްކިތަކީ މާލެގަމުގައި ހުންނަ ހުކުރު މިސްކިތާއި ދަޑިމަގުގައި ހުންނަ އީދު މިސްކިތެވެ. އީދު މިސްކިތުގެ އާއްމު ނަމަކީ ގެއްމިސްކިތެވެ. ބެލް ލިޔުއްވާފައިވާ ގޮތުން އެރަށުގައި ހުރި އެންމެ ދުވަސްވީ މިސްކިތްތަކަކީ ހަނިއަރި މިސްކިތާއި ހޯދަޑު މިސްކިތާއި ކެޑޭރެ މިސްކިތާއި އުފުރާޖެހި މިސްކިތެވެ. އެޒަމާނުގައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައިހެން ކޮންމެ މިސްކިތަކާ އިންވެގެން ކަށްބިން އޮވެއެވެ. އޭގެ އިތުރުން މަދުމަދުން ވަކިވަކި ގަބުރުސްތާނުވެސް ހުރެއެވެ. މިގޮތުން އޭރު އެރަށުގައި ޖުމުލަ 35 ގަބުރުސްތާނު ހުއްޓެވެ.

އިހުޒަމާނުގައި ދިވެހިރާއްޖޭގެ މިސްކިތްތަކާ ގުޅިފައިވާ ޚާއްސަ އެއް ތަނަކީ މިސްކިތްދޮށުގައި އޮންނަ ވެވެވެ. ބޮޑެތި ނުވަތަ މައި މިސްކިތްތައް ދޮށުގައްޔާއި އަދި އާއްމު ބޭނުންތަކަށް ރަށުގެ އެކި ދިމަދިމާގައި ވެވުތައް ހުރެއެވެ. އޭގެ އިތުރުން ބައެއް ރަށްރަށުގައި އަމިއްލަ ގޭގޭގައި ވެސް ވެވުތައް ހުއްޓެވެ. މީގެ ސަތޭކަ އަހަރު ކުރިން ދިވެހިރާއްޖޭގައި އެއް ރަށަކަށް ވެވު އެންމެ ގިނައިން ހުރީ ފުވައްމުލަކުގައެވެ. އެއީ 426 ވެވެވެ. އޭރު މުޅި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި އެކު ޖުމްލަ ހުރީ 1880 ވެވެވެ. ފުވައްމުލަކާއެކު ދިވެހިރާއްޖޭގައި ވެވު އެންމެ ގިނައީ އައްޑުއާއި ހުވަދުއަތޮޅާއި މާލޭގައެވެ. އެއީ ފުވައްމުލަކުގެ 426 ވެވާއި، އައްޑޫގެ 567 ވެވާއި، ހުވަދުއަތޮޅުގެ 594 ވެވާއި، މާލޭގެ 77 ވެވާއެކު ޖުމުލަ 1664 ވެވެވެ. މިއީ ދިވެހިރާއްޖޭގެ ވެވުތަކުގެ ގާތްގަނޑަކަށް 90 އިންސައްތައެވެ.

ފުވައްމުލަކުގައި ހުރި އާއްމު ވެވުތައް ފަސްއަޅައި ފޮރުވައި އަދި އެނޫން ގޮތްގޮތަށް ނައްތާލެވުނީ 1930 ގެ އަހަރުތަކުގެ ތެރޭގައި ފާސްކުރެވުނު ގާނޫނެއްގެ ދަށުން ދިވެހިރާއްޖޭގެ ރަށްރަށުގައި ހުރި އެފަދަ ވެވުތައް ނައްތާލެވުނު ދުވަސްވަރުގައެވެ. އޭގެ ފަހުން 1952 ގައި ވަރލްޑް ހެލްތު އޯގަނައިޒޭޝަނުން ދިން ލަފައެއްގެ ދަށުން ދިވެހިރާއްޖޭގެ ދެކުނުގައި ހުރި ހުރިހާ ވެވެއްހެން ނަައްތާލެވުނުއިރު ފުވައްމުލަކުގައި ހުރި އެހެނިހެން ވެވުތައްވެސް ނައްތާލެވުނެވެ. ނުވަތަ ފަސްލައި ފޮރުވުނެވެ.

އެޒަމާނުގައި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ހުރި ފަދައިން ފުވައްމުލަކުގައި ވެސް ގިނަ އަދަކަށް ޒިޔާރަތް ހުއްޓެވެ. އެ ޒިޔާރަތްތަކުގެ ތެރެއިން އެންމެ ޚާއްސަކަމެއް ދެވެނީ ފަސް ޒިޔާރަތަކަށް ކަމަށް ބެލް ލިޔުއްވާފައިވެއެވެ. އެކަމަކު އެ ހުރިހާ ޒިޔާރަތެއްގެ ނަން ފާހަގަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް އޭގެ ތެރެއިން އެންމެ ޚާއްސަކަމެއް ދެވޭ ޒިޔާރަތުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އަބްދު ނާއިބު ކަލޭފާނުގެ ޒިޔާރަތެވެ.

މީގެ ސަތޭކަ އަހަރު ކުރިން ފުވައްމުލަކުގެ މިސްކިތްތަކުގައި ހުކުރުކޮށް އީދު ކުރުމަށްޓަކައި އަށް ކަތީބުން ތިއްބަވާ ކަމަށް ބެލް ލިޔުއްވާފައިވާ އިރު ބޯހިމެނުމުގެ ހިސާބުގައި އޮތީ ހަ ކަތީބުން ކަމަށެވެ. ފަހަރެއްގައި ކޮންމެވެސް ސަބަބަކާ ހުރެ ބައެއް ކަތީބުން ރަށުގައި ނެތުމާއި ކަތީބުން އައްޔަނުނުކޮށް ތިބުމާއި އަދި މި ނޫންވެސް ސަބަބެއް މެދުވެރިވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ. މާލޭ ހުކުރު މިސްކިތުގައި ތިބޭ ފަދައިން އޭރު ފުވައްމުލަކު ހުކުރު މިސްކިތުގައި ވެސް މާމުދިން ބޭކަލަކާއި އޭނާގެ ދަށުން މަސައްކަތްކުރާ ފަސް މުދިމުން ތިއްބަވައެވެ. އޭގެ އިތުރުން މަލިން ބޭކަލަކު ވެސް ހުންނަވައެވެ.

އެޒަމާނުގައި ފުވައްމުލަކުގައި އަދުލުއިންސާފާއި ގުޅޭ ރަސްމީ މަސައްކަތުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ނާއިބެކެވެ. އެއީ މާލެ ފިޔަވައި ރާއްޖޭގެ އެހެނިހެން ރަށްރަށުގައިވެސް ހުންނަވާ ފަދައިންނެވެ. ހަގީގަތުގައި މި ދަންނަވާ ނާއިބަކީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ދަށުން އޭނާގެ ނާއިބުންގެ ގޮތުގައި މަސައްކަތްކުރައްވާ ކުދި ފަނޑިޔާރުންނެވެ. އެހެންނަމަވެސް އޭރު މާލޭގައި ހުންނަވާ ފަނޑިޔާރަށް ނޫނީ ފަނޑިޔާރުގެ ގޮތުގައި ނަން ކިޔައި ނޫޅެއެވެ. އޭނާގެ ދަށުން މާލޭގައި ވެސް މަސައްކަތްކުރައްވާނީ ނާއިބުންނެވެ. ފުވައްމުލަކުގެ މިދެންނެވި ނާއިބަށް އެހީތެރިވާން އޭރު 4 ދޭވާނީން ތިބެއެވެ.

ރަށުން ދައުލަތަށް ލިބެންޖެހޭ ފައިސާއާއި ޓެކްސް ފަދަ ކަންކަން ބަލަހައްޓަވާ އެންމެ އިސްވެރިއަކީ ރަށުގެ ގޮއިވެރިޔާއެވެ. ރަށުގެ އެންމެ އިސް ވެރިޔަކީވެސް އޭނާއެވެ. މީގެ ސަތޭކަ އަހަރު ކުރިން ފުވައްމުލަކު ގޮއިވެރިޔާގެ މަގާމުގައި ހުންނެވީ ހިރިހަމާދި ކަލޭގެފާނުންގެ ދަރިކަލުން އަލިދީދީ އެވެ. މިއީ ބެލް ބަޔާންކުރައްވާފައިވާ ގޮތެވެ. ނަމަވެސް ފުވައްމުލަކުގެ ތާރީޚު ދިރާސާކުރެއްވި ބޭބޭފުޅުން ބަޔާންކުރައްވާ ގޮތުން ދިވެހިރާއްޖޭގެ އެހެނިހެން އަތޮޅުތަކެކޭ އެއްގޮތަށް ފުވައްމުލަކުގެވެސް އެއްމެ އިސްވެރިއެއްގެ ގޮތުގައި އޭރު ހުންނަވަނީ ވާރުވެރިއެކެވެ. ވާރުވެރިކަމާއެކު ގޮއިވެރިކަންވެސް އޭނާއަށް އޮތީއެވެ. ވާރުވެރިން ތިއްބަވާ އަތޮޅުތަކުގައި ވެސް ގޮއިބިން ލިޔެގެން އެތަންތަން ބަލަހައްޓާ ގޮއިވެރިންވެސް އެއަތޮޅުތަކުގައި ވަކިވަކީން ތިބެއެވެ.

ފުވައްމުލަކުގައި ވާރުވެރިޔަކު ހުންނެވިޔަސް މީގެ ސަތޭކަ އަހަރު ކުރިން ދިވެހިރާއްޖޭގެ ގިނަ ރަށްރަށާއި ޚިލާފަށް ފުވައްމުލަކު ރައްޔިތުންގެ އަތުން ވާރެއް ނުނަގައެވެ. ވާރޭ މިދެންނެވީ ރައްޔިތުންގެ ބޯބޯމަތިން އޭރު ނަގައި އުޅުނު ޓެކްސްއަށެވެ. އެހެންނަމަވެސް ވަރުވާގެ ގޮތުގައި ރަށުގައި އުފައްދާ ބާވަތްތަކުން އެ ޒަމާނުގެ ނިސްބަތުން ލުއި ޓެކްސްއެއް ނެގެމުން ދިޔައެވެ. އެއީ އަހަރަކު 198 ކޮއްޓޭ ބޮއްޔާއި، 125 ރަތް ފޭއްޔާއި، 2 ވެދުންގަނޑާއި، 12000 ކުދިބޮނޑިއާއި، 300 ގާ ލޮނުހަކުރެވެ.

މީގެ ގަރުނެެއް ކުރީން ފުވައްމުލަކުގައި ބަނދަރެއް ނެތަސް އޭރު އޮތް ފުވައްމުލަކަކީވެސް ދިވެހިރާއްޖޭގެ އެހެނިހެން ރަށްރަށަށް ދޫކުރި ރަށެއް ނޫނެވެ. މަސްވެރިކަންކުރުމާއެކު ފުވައްމުލަކު މީހުންވެސް އޮޑިފަހަރުގައި މާލެއަށާއި އެހެނިހެން އަތޮޅުތަކަށާއި ރާއްޖެއިން ބޭރަށް ދަތުރުފަތުރުކޮށް އުޅުނެވެ. އޭރު ފުވައްމުލަކުގައި ނާލު އޮޑީގެ 4 އޮޑި ދުއްވިއެވެ. އޭގެ އިތުރުން ނާލުބައްތެލީގެ 2 ބައްތެލިވެސް އޮތެވެ. އަދި ބޮޑުދޯނީގެ 31 ދޯންޏާއި ކުދިދޯނީގެ 23 ދޯންޏާއި 6 ބޮއްކުރާ ގެންގުޅުނެވެ.

1922 ގައި ބެލް ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ފުވައްމުލަކުގައި ހުރި އާސާރީ ތަންތަން ބައްލަވައި ހެއްދެވިއެވެ. މިގޮތުން ފުވައްމުލަކުން އޭރު ފާހަގަކުރެވުނު އެންމެ ދުވަސްވީ އާސާރެއް ކަމުގައި ވީ އެރަށު އުތުރުކޮޅުގައި އަތިރިމައްޗާ ކައިރީގައި ހުރި ހަވިއްތައޭ ކިޔުނު އުސްތުނބެވެ. އޭނާ ބުނާ ގޮތުން އެއީ ބުދުދީނުގެ ފައްޅިއެއް ކަމަށްވާ ދާގަބާއެކެވެ. އެތަން ހުރީ އޭރު މީހުން އުޅުނު ސަރަހައްދާ ބައިމޭލެއްހާ ދުރުގައި ގަސްމަދު ހާމަބިމެއްގައެވެ. ނަމަވެސް ހަވިއްތައިގެ މަތީގައި ހިސާބަކަށް ރުއް ހުއްޓެވެ. އޭރު އެތަނުގެ އުސްމިނުގައި 25 ފޫޓު ހުއްޓެވެ. އަދި ވަށަމިނުގައި 195 ފޫޓު ހުއްޓެވެ. ބެލް ލިޔުއްވާފައިވާ ގޮތުން ހަވިއްތަ ހުރި ސަރަހައްދުގައި އިހުގެ އެހެނިހެން އާސާރުތައްވެސް ހުންނާނެ ކަމަށް ބެލެވެއެވެ. ބެލް ހަވިއްތަ ބެއްލެވިއިރު އެތަނުގެ ހުޅަނގު ބިތުންނާއި ހުޅަނގުދެކުނުން ބައެއް ވެއްޓި، އެދިމާއިން ބިންމަތީގައި އެއިމާރާތުގެ ބައެއް ގާތައް ފެންނަން ހުއްޓެވެ.

އާދެ، އިސްވެ މި ބަޔާންކުރެވުނު ކަންތަކަށް ބަލާއިރު މީގެ 100 އަހަރު ކުރިން ފުވައްމުލަކަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށެވެ. އަމިއްލަ މަސައްކަތުން ކައިބޮއެ، ތަކެތި އުފައްދައި، ވިޔަފާރިކޮށް ފުދިގެން އުޅުނު ފާގަތި ރަށެކެވެ. ތިމާވެއްޓާ ރައްޓެހި ފެހި ރަށެކެވެ.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.