ކުޅިވަރު މުބާރާތްތަކާއި ހަފުލާ އަދި ރަސްމިއްޔާތުތައް ބާއްވަން ހުއްދަ ދީފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާތްތައް ބޭއްވުމަށާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަދޭ ކަމަށެވެ.

މީގެ ކުރިން ހަފްލާތަކާއި ކުޅިވަރު މުބާރާތްތައްވެސް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި ކުރިން ނެރުނު ގައިޑްލައިންގައިވާ ގޮތުން 15 މީހުންނަށްވުރެ ގިނައިން އެއްވުމަކީ މަނާ ކަމެކެވެ. މި ނިންމުމާއެކު އެ ފިޔަވަޅު އުވުނީއެވެ.

ނަމަވެސް މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން އަދިވެސް މަނަލެވެ. އަދި ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައްވެސް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށެވެ.

އެޗްޕީއޭ އިން ބުނީ މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް ބުންޏެވެ.