ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތަށް ދެނެގަތުމަށް ހިންގާ "ސްޓެޕް ސާވޭ" މި މަހު މާލެ ސަރަހައްދުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ސްޓެޕް ސާވޭ ފަށާފައިވަނީ މިދިޔަ އަހަރު ކަމަށެވެ. މި ސާވޭ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

މި ސާވޭ އަކީ އެޗްޕީއޭ އިން އިސްނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާ ގުޅިގެން ކުރިޔަށް ގެންދާ ސާވޭއެކެވެ.

ސާވޭ ކުރުމަށް ގުރުއަތުން ނެގިފައިވާ ގޭގެއަށް މައުލޫމާތު އެއްކުރުމަށް ޒިޔާރަތް ކުރާނެއެވެ. ސާވޭގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ތިބޭނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީން މިކަމަށް ދޫކޮށްފައިވާ ފާހެއް އަޅައިގެންނެވެ.