ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 95 ޕަސެންޓް މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިއްޔެއާ ހަމައަށް ރާއްޖޭގައި ކޮވިޑް ޖެހުނު ޖުމްލަ އަދަދުގެ ވަނީ 13402 އަށް އަރައިފަ އެވެ. އަދި އެބަލިން 12786 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިއާއެކު މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 561 މީހެކެވެ.
އެހެންކަމުން ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 95.39 ޕަސެންޓް މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.
ރާއްޖޭގައި ކޮވިޑުގެ ހާލަތަށް ބަލާއިރު އެއްވެސް ގުޅުމެއް ނެތި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އެއްވަނަ އެލާޓަށްވުރެ ވެސް ވަނީ ދަށްވެފަ އެވެ. އެ އަދަދު ދަށްވެފައި ހުންނަތާ މިހާރު ހަފްތާއެއް ވަނީ ވެފަ އެވެ.
ފްލޫ ކްލިނިކް ޕޮޒިޓިވިޓީ ރޭޓަކީ ވެސް ކޮމިއުނިޓީ ސްޕްރެޑް ހުރި މިންވަރު ބަލަން ބޭނުންކުރާ ހިސާބެކެވެ. ނަމަވެސް މި އަދަދު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ މަހުގެ 11 އިން 18 އާ ދެމެދު އެ އަދަދު ވަނީ 11 ޕަސެންޓް މައްޗަށް ގޮސް، ދެވަނަ އެލާޓަށް އަރައިފަ އެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 48 މީހަކު ވަނީ މަރުވެފައެވެ. އެއީ 41 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19