ޚަބަރު

ކަނޑުފަޅުތައް ހިމާޔަތް ނުކުރެވިއްޖެނަމަ، ދިރިއުޅުމާއި އިގުތިސޯދުވެސް ހިމާޔަތެއް ނުކުރެވޭނެ: ރައީސް

ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުންތައް ހިމާޔަތް ކުރުމަށް ނުކުޅެދިއްޖެނަމަ، މި ގައުމުގެ ސިއްހަތާއި ދިރިއުޅުމާއި އިގުތިސޯދުވެސް ހިމާޔަތް ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުން ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެން "ނޫ ރާއްޖެ" ނަމުގައި ހާއްސަ ޕްރޮގްރާމެއް މިރޭ ވަނީ އިފްތިތާހުކޮށްފިއެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައި ރައީސް ވިދާޅުވީ ރާއްޖޭގެ 98 ޕަސެންޓަކީ ކަނޑުގެ ސަރަހައްދު ކަމަށާއި ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުމަކީ ދިވެހިންގެ ދިރިއުޅުމުގެ ވަރަށް މުހިންމު ހިއްސާއެއް ކަމަށެވެ. އަދި ދިވެހިންގެ އާދަތަކާއި ދިރިއުޅުމާއި ތާރީހާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދިރުންތަކެއް ކަމަށެވެ.

"ނަމަވެސް ރާއްޖޭގެ ކަނޑުފަޅުތަކާއި ކަނޑުތަކުގެ ދިރުންތައް ހިމާޔަތް ކުރުމަށް ނުކުޅެދިއްޖެނަމަ، އަޅުގަނޑުމެންގެ ސިއްހަތާއި ދިރިއުޅުމާއި އިގުތިސޯދުވެސް ހިމާޔަތްކޮށްދިނުމަށް ނުކުޅެދޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއެކު އެއްބަސްވުމެއް އެކުލަވައިލައި މަސައްކަތް ކުރައްވަން ނިންމެވީ ދިވެހިން ކަނޑުފަޅުތަކަށް ބަރޯސާވާ މިންވަރު ބޮޑުކަމުން ކަމަށެވެ. އަދި މި ޕްރޮގްރާމާއެކު ކަނޑުފަޅުތަކުގެ ދިރުންތައް ހިމާޔަތް ކުރުމަށް ކުރެވިގެންދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ނޫ ރާއްޖެ ޕްރޮގްރާމްގެ ސަބަބުން ޖަޒީރާ ރާއްޖޭގެ އެއް ސިޔާސަތު ކަމަށްވާ ނޫ އިގުތިސޯދަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި ނޫ އިގުތިސޯދުގެ ސިޔާސަތު ހާސިލުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވީ ކަނޑުތަކާއި ފަރުތަކަށާއި އާދަކާތަކަށް ގެއްލުން ނުވާނޭ ގޮތަށް އިގުތިސޯދީ ތަރައްގީތައް ގެނައުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށްވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ނޫ އިގުތިސޯދެއް ބިނާކުރުމުގައި ގުދުރަތީ ދިރުންތައް ދެމެހެއްޓޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިއަށް ދިއުމުގައި ބޭނުންކުރާނެ، މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވައިލުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 ޕަސެންޓަކީ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހާސިލުވުމަށް މަގުފަހިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކަނޑުތަކާއި ފަޅުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސް ސޯލިހް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއަކީ ނޫ އިގުތިސޯދު ކުރިއަރުވައި ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަގުވާމީ ވިއުގައެކެވެ.

ދެހާސް ސައުވީސް ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދާ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ ދުޅަހެޔޮކަމުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާތަކާއި އެންމެ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅުން ނަފާ ހޯދާނެ ގޮތާގުޅޭ ސިޔާސަތުތައް އެކުލަވައިލުމާއި އެންމެ ކާމިޔާބުކަމާއެކު ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރިކުރެވޭނެ ގޮތްތައް ހޯދާނެއެވެ.