މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ދައުވާ އުފުލަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު "ވަން" އަށް ވިދާޅުވީ ނިހާންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާތާ ދެ ދުވަހެއްވަރު ވެދާނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ ފުލުހުންގެ ފަރާތުން ސާފުކުރަންޖެހޭ ކަންކަން ކަމަށާއި ހަފުތާއެއްގެ ތެރޭގައި ދައުވާކުރުމަށް ފޮނުވާނެ ކަމަށެވެ.
"ފުލުހުންގެ ފަރާތުން ސާފުކުރަންޖެހޭ ކަންކަން ސާފުކޮށްފައި ފޮނުވަން ބުނެފައިވާނީ، ހަފުތާއެއް ތެރޭގައި ދައުވާކުރަން ފޮނުވޭނެ،" ޝަފީއު ވިދާޅުވިއެވެ.
ނިހާނަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުން ވަނީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓައިފައެވެ.
އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މެންބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކަށް ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ހިޔާނާތުގެ ފައިސާ ވަދެފައިވާ ކަމަށް އަދީބު ތުހުމަތުކުރެއްވިއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ރޮލެކްސް ގަޑިއެއް ނިހާން ބައްލަވައިގަތް ކަމަށް ވެސް އަޑުފެތުރުނެވެ. ނިހާން ވެސް މީގެ ކުރިން ވަނީ އޭނާގެ އަތުގައި ރޮލެކްސް ގަޑިއެއް އެބައޮތް ކަމަށާއި އެ ގަޑި ގަންނަން ފައިސާ ހޯދި ގޮތް ކިޔައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެނަމަ ފައިސާ ހޯދި ގޮތް ކިޔައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް ނިހާން މީގެ ކުރިން ހާޒިރުކުރިއެވެ.
މިދިޔަ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަން ކުރެއްވި ނިހާން ވަނީ ވެރިކަން ބަދަލުވެ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ޕީޕީއެމުން ވަކިވެ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު