ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން "ވަން" މިއަދު ވިދާޅުވީ، ހެލްތު މިނިސްޓްރީން އެދުނު ބްރޭންޑުގެ ފަސް ވެންޓިލޭޓަރު ރާއްޖެ ގެނެސް، މިނިސްޓްރީއާ ހަވާލުކުރަން ދުބާއީ ކުންފުނީގެ ރާއްޖޭގެ އެޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އޭޑީކޭ ޓްރޭޑިންގެ ފަރާތުން އީމެއިލެއް ލިބިފައިވާ ކަމަށެވެ. އަދި އެ ވެންޓިލޭޓަރުތައް ރަނގަޅުތޯ ބެލުމުގެ މަސައްކަތް މިއަދު ކުރާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އެ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ. އެކުންފުންޏާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފޮނުވީ 11 ވެންޓިލޭޓަރެވެ. ނަމަވެސް އެތަކެތީގައި ހުންނަން ޖެހޭނެ ކަމަށް އެއްބަސްވި ފީޗާސްތައް ނެތުމުން އެތަކެތި ހެލްތު މިނިސްޓްރީން ބަލައިގެންފައެއް ނުވެ އެވެ.
އެ ވެންޓިލޭޓަރުގެ ބަދަލުގައި މިދިޔަ ސެޕްޓެމްބަރު މަހު ދުބާއީ ކުންފުނިން ވަނީ 10 ވެންޓިލޭޓަރު ރާއްޖެ ގެނެސްފަ އެވެ. އަދި އެ ވެންޓިލޭޓަރުތައް ރަނގަޅު ކަމަށް އޭރު ތަސްލީމާ ވިދާޅުވި އެވެ. ނަމަވެސް އަދި ބާކީ 60 ވެންޓިލޭޓަރު ލިބެންޖެހެ އެވެ.
ވެންޓިލޭޓަރު ހޯދުމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ތުހުމަތު ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ތަހުގީގެއް ހިންގައި، އެކަމުގައި ތުހުމަތުވާ މީހުންނަށް ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި ވަނީ އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު