ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ދިވެހިންނަށާއި ވޯކް ވިސާގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނަށް ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން ދެވޭނެ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލު ބަދަލުކޮށްފި އެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓިތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީއަށް ދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފަށާއިރު 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އަކާއެކު ދަތުރުކެވޭނެ ކަމަށެވެ. އަދި އެގޮތަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކަށް ހުރުމާއި ކެއުމުގެ ކަންތައް ހަމަޖައްސަން ވާނީ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވަކިން ކަމަށް ބުންޏެވެ.
އެޗްޕީއޭ އިން ބުނީ، ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީ ހޭދަ ކުރުމަށް ދަތުރުުރާ ފަރާތްތަކުން މާލެ ސަރަހައްދު (މާލެ ހުޅުމާލެ ވިލިމަލެ) ފިޔަވައި އެހެން ރަށްރަށަށް ދަތުރު ކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.
ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއެކު ޓޫރިސްޓުންނަށް ހިދުމަތްދޭ ރިސޯޓުތަކާއި ފެސިލިޓީތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުން ވަނީ މަނާކޮށްފަ އެވެ.
ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގެނައި ލުއިތަކުގެ ތެރެއިން ކުރު މުއްދަތުގެ ދަތުރުތަކަށް މާލެއިން އަތޮޅު ތެރެއަށް ދާންޖެހޭ ފަރާތްތަކަށް ޕީސީއާރު ޓެސްޓް ހެދުމަށް ކަނޑައަޅާފައި އޮތް އޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ.
އެ ބަދަލާއެކު ކުރު މުއްދަތަށް އެކި ބޭނުންތަކަށް އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކުން، އެ ފަރާތްތަކުން އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށް އަމަލު ކުރާނަމަ ކަނޑައެޅިފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު