މި ދަނޑިވަޅުގައި ސްރީލަންކާގެ މުސްލިމުންނަށް އެހީވުމަކީ ވާޖިބެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފިއެވެ.

ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ އެދިފައެވެ. އެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާކުރަމުން އަންނަ އިރު، އެކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފައެވެ.

އެކަމާ ގުޅިގެން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ސޮއިކުރައްވައި އެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން އެގައުމުގައި ނުކުރެވޭނަމަ، ރާއްޖޭގައި އެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ޕާޓީގެ ހުރިހާ މެންބަރުން ތާއީދުކުރާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ދިވެހި ސަރުކާރުގެ ފަރާތުން މިކަމުގައި ލަންކާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވައިފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، މުސްލިމުންގެ އެންމެ ރިވެތި ސިފައަކީ ދަތި އުނދަގޫ ވަގުތުތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި އޯގާތެރިކަން ދިނުން ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި ލަންކާގެ މުސްލިމުންނަށް އެހީތެރިވުމަކީ ވާޖިބެއް ކަމުގައި ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.

"މި ހުތޫރަތްތެރި ދަނޑިވަޅުގައި ސްރީލަންކާގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ވާޖިބެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި މިއީ ރާއްޖޭގެ ރައްޔިތުންނަށް އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ވެދެވޭނެ ނުހަނު މުހިންމު އެހީއެއްކަމުގައިވެސް ދެކެމެވެ..،" ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ގިނަ ލީޑަރުންގެ އިތުރުން ގިނަ ދީނީ އިލްމުވެރިން ވަނީ ތާއީދުކުރައްވައިފައެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންގެ ތެރެއިން އެކަމާ ހިޔާލުތަފާތީ ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ވަގުތީ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަންޏެވެ.