ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށާއި އެހެންކަމުން އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދެވެންވާނެ ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ އެދިފައެވެ. އެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ އިރު، އެކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މައްސަލައަށް ދެ ގައުމުން މަޝްވަރާ ކުރެވެމުންދާކަމީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. ލަންކާއަކީ ރާއްޖޭގެ އެންމެ އަގުހުރި އެކުވެރިޔާ ކަމަށާއި ކޮންމެ ހާލަތެއްގައިވެސް އެކުގައިވާނެ ކަމަށެވެ.
"ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ. ލަންކާގައި ރާއްޖޭގެ މުސްލިމުން ވަޅުލުމަށް ސަރަހައްދެއް ކަނޑައެޅިފައިވޭ. ޖާވައްތަ މިސްކިތަކީ ރާއްޖޭގެ ހަތަރު ޖެނަރޭޝަންގެ ލީޑަރުން ވަޅުލާފައިވާ ތަނެއް،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އިތުރުން ވެރިކަން ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމްވެސް ވަނީ އެކަމަށް ތާއީދުކޮށް ވާހަކަދައްކަވައިފައެވެ. ގާސިމް ވިދާޅުވީ ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ދީނުގައިވާގޮތަށް ކުރުމަށް ފުރުސަތު ނުލިބި، އެ ހަށިތައް އަންދާނަމަ ރާއްޖޭން އެކަމަށް ކޮށްދެވެން އޮތް ކަމެއް ރައްކާތެރިކަމާއެކު ދީނުގައިވާ ގޮތަށް ކޮށްދެއްވުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.
ނަޝީދާއި ގާސިމްގެ ހިޔާލު އެއްގޮތް ނަމަވެސް އެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވަނީ، އެފަދަ މީހުން ރާއްޖޭގައި ވަޅުލުމަށް ދެކޮޅު ހައްދަވައިފައެވެ.
ރައީސް މައުމޫނު ވިދާޅުވީ، ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލުމަށް ރާއްޖެ ގެންނަން ތާއީދު ނުކުރައްވާ ކަމަށެވެ. ކޮވިޑުގެ ސަބަބުން މަރުވާ ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީ ގޮތުން ކޮށްދޭން ޖެހޭ ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު