ޚަބަރު

ސިޔާސީ ޕާޓީތަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ސިޔާސީ ޕާޓީތަކަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން ބުނީ، އެކި ފިޔަވަހިތަކަށް ބަހާލައިގެން ޕާޓީތަކަށް ފައިސާ ދޫކުރަމުން ގެންދާއިރު، މިދިޔަ ބުރާސްފަތި ދުވަހު ޕާޓީތަަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އެދުވަހު އެމްޑީޕީއަށް 5.8 މިލިއަން ރުފިޔާ، ޕީޕީއެމްއަށް 3.9 މިލިއަން ރުފިޔާ އަދި ޖުމްހޫރީ ޕާޓީއަށް 1.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަަށް އެ ކޮމިޝަނުން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވަނީ ދައުލަތުގެ އަހަރީ ބަޖެޓްގެ 1.0 އިންސައްތައާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދަކަށް ސިޔާސީ ޕާޓީތައް ހިންގުމަށް ފައިސާ ދޫކުރަންވާނެ ކަމަށެވެ. މި އަހަރު ދައުލަތުގެ ބަޖެޓްގެ ގޮތުގައި ކަނޑައަޅާފައިވާ 37 ބިލިއަން ރުފިޔާގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވަނީ 33.4 މިލިއަން ރުފިޔާ އެވެ.

ގާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ވާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމަށެވެ.

އީސީގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށްފައިވާއިރު، 10،000 މެންބަރުން ހަމަވަނީ އެންމެ ތިން ޕާޓީއެއްގަ އެވެ. އެއީ އެމްޑީޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީއެވެ.