ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން މައްސަލަ ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހާއި ފުލުހުން ގުޅިގެން މި މައްސަލައިގެ މަޝްވަރާތައް ކުރަމުން އަންނައިރު ފުލުހުން މިއަދު ބުނީ، އެ މަޝްވަރާތަކުގައި ފުރިހަމަ ކުރަން އެދުނު ކަންކަން ފުރިހަމަ ކުރުމަށްފަހު މައްސަލަ މިމަހުގެ ކުރީކޮޅު ޕީޖީއަށް އަލުން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެ އެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު "ވަން" އަށް ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތު ކުރެވޭ ތިން މީހުންގެ މައްސަލަ ފުލުހުން ފޮނުވުމުން، އެކަމުގައި ހުރި ހެއްކާއި ގަރީނާއަށް ބަލައި އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޯޓަށް ފޮނުވުމާމެދު މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލައިގައި ތުހުމަތު ކުރަނީ ކޮން ތިން މީހުންނަކަށް ކަމެއް ފުލުހުން ވެސް އަދި ޕީޖީން ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލައިގެ ތަހުގީގު ލަސްވުމާއި މައްސަލައަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ. އެ ތުހުމަތުތައް ބޮޑުވީ އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމުންނެވެ.

ނަމަވެސް މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވަނީ، އެ މައްސަލައިގައި ތުހުމަތު ކުރަނީ ކުށުގެ ވެށިން ހައްޔަރުކުރި ދެ ފިރިހެނުންނަށް އެކަނި ކަމަށް ވިދާޅުވެފަ އެވެ. އަދި އެމީހުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށް ވިދާޅުވި އެވެ.

އެ ދެމީހުން މަސްތުގެ ހާލުގައި ތިބިކަމަށް ތުހުމަތު ކުރެވޭއިރު، މަންނާނު ވިދާޅުވީ އެމީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް އެއްވެސް ވަރަކަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެމީހުން ދޫކޮށްލުމުގައި އެއްވެސް ނުފޫޒެއް އެއްވެސް ބަޔަކު ފުލުހުންގެ މައްޗަށް ފޯރުވާފައި ނުވާ ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.