މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މަހަކު އެއްފަހަރު ކޮވިޑުގެ ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެ ކަމަށް މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކަށް އަމާޒުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ގައިޑްލައިންގައި ބުނެފިއެވެ.

މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން މިއަދު އާންމުކުރި ގެސްޓްހައުސް ގައިޑްލައިނުގައިވާ ގޮތުން ކޮންމެ ގެސްޓްހައުސެއްގައި ވެސް އައިސޮލޭޝަން ރޫމެއް ހުންނަން ޖެހެއެވެ.

ގައިޑްލައިންގައި ބުނީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ކޮންމެ މަހަކު އެއްފަހަރު ކޮވިޑަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި މަސައްކަތަށް ނުކުންނަ މުވައްޒަފުންގެ އެއްވެސް އަލާމާތެއް ހުރޭތޯ ކޮންމެ ދުވަހަކު ބަލަން ޖެހޭނެ ކަމަށްވެސް ގައިޑްލައިނުގައިވެއެވެ.

މީގެ އިތުރުން އެ ގައިޑްލައިންގައި ބުނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށްވެސް މާލޭގެ ކެފޭ/ރެސްޓޯރެންޓްތަކާއި އާންމު ތަންތަނާއި ފިހާރަތަކަށް ދެވޭނެ ކަމަށާއި ނަމަވެސް އެތަންތަނަށް ދިއުމުގައި މާސްކް އަޅަން ޖެހޭނެ ކަމަށެވެ. އަދި މަގުތަކުގައި އުޅޭއިރު ގައިދުރުކަން އިހުތިޔާރުކުރަން ޖެހޭނެ ކަމަށްވެސް ގައިޑްލައިންގައި ބުންޏެވެ.

ގައިޑްލައިނުގައިވާ ގޮތުން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންނަށް އަތޮޅުތެރޭގެ ރަށްރަށަށާއި ރިސޯޓުތަކާއި ސަފާރީތަކަށް ދެވޭނެއެވެ. ނަމަވެސް މާލޭގައި 48 ވެއްޖެނަމަ އެތަންތަނަށް ދެވޭނީ ކޮވިޑުގެ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކުގައެވެ.

މާލޭ ސަރަހައްދުގައި 2،500 ޓޫރިސްޓު އެނދު އެބަހުއްޓެވެ. ޖުލައި 15ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް 100،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. މާލޭގެ ގެސްޓްހައުސްތައް މާދަމާ ހުޅުވާލާއިރު އޮގަސްޓް 15ގައި އަތޮޅުތެރޭގައި ހުރި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ވަނީ ފަށައިފައެވެ. އެގޮތުން މިހާތަނަށް 147 ގެސްޓްހައުސެއް ވަނީ ހުޅުވައިފައެވެ.