ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މެދުވެރިކޮށް އުފެއްދުންތެރިންނަށް ފަހި މާކެޓެއް ހޯދައިދިނުމަށް ލިބިގެންދާ ފުރުސަތެއްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މައުރަޒުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެެއްގައި މިރޭ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިއަހަރުގެ މައުރަޒުގައި ހިމެނޭ "ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓް" ގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރަށްރަށުގެ ހާއްސަ ސިފަތަކާއި އަމިއްލަވަންތަ އުފެއްދުންތައް ދުނިޔެއަށް ދައްކާލުން ކަމަށެވެ.
އެގޮތުން، ރާއްޖޭގެ 22 ރަށަކުން މި ޑިސްޓްރިކްޓުގައި ބައިވެރިވެ، އެ ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރިތަކާއި ސަގާފީ އުފެއްދުންތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މައުރަޒުގައި ބައިވެރިވުމުގެ އިތުތަރަށް ރާއްޖޭގައި ވަރަށް ގިނަ އުފެއްދުންތެރިން އުޅޭ ރިސޯޓުތަކަށް ސަޕްލައިކުރާ. ރިސޯޓުތަކުގައި ބައެއް ފަރާތްތަކުން އެބަހުރި ޝޮޕްތަކުގައި ދިވެހި އުފެއްދުންތައް ބަހައްޓާފައި ކުރިއާ ހިލާފަށް. އެހެންވީމަ އެފަރާތްތަކަށް މިއަންނަ ގެސްޓްހައުސްތަކާއި ރިސޯޓުތައް އަދި އިންޓަނޭޝަނަލް މާކެޓަށް މިއެއްޗެހި ނެރެވޭނެ ގޮތަށް ފުރުސަތު ފަހިކޮށްދިނުން އެއީ ސަރުކާރުގެ އަމާޒަކީ" ސައީދު ވިދާޅުވިއެވެ.
އަދި އެ އަމާޒުގައި ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި "ވިޒިޓާ އިކޮނޮމީ ކައުންސިލް" އެއް އުފައްދައިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ފަތުރުވެރިންނަށް ދިވެހި އުފެއްދުންތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލުން ބޮޑު ޖާގައެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން، ޕާސްޕޯޓް ކޮންޓްރޯލަށްފަހު އެންމެ މުހިންމު އެއް ސަރަހައްދުން "އޮތެންޓިކް މޯލްޑިވްސް" އަށް ހާއްސަކޮށް 100 އަކަމީޓަރުގެ ޖާގައެއް މިހާރު ވަނީ ކަނޑައަޅައިދީފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިފަހަރުގެ މައުރަޒުގައި ޗައިނާ، އިންޑިއާ އަދި ޔޫއޭއީގެ ފަރާތްތަކުންވެސް ބައިވެރިވާނެކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިއީ ދިވެހި އުފެއްދުންތެރިކަމުގެ ދާއިރާއަށް ބޭރު ދުނިޔެއިން އާ ފުރުސަތުތަކާއި ކުރިއެރުން ގެނުވައިދޭނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް