ނ. އަތޮޅުގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގުކުރައްވައިފިއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު މިހެން ވިދާޅުވެފައިމިވަނީ، "މޯލްޑިވްސް އިންޑެޕެންޑެންޓް"ގައި ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ވަނީ، ނ. އަތޮޅުގެ ދިގުފަރު ފަޅާއި ދެކުނުފަރު ތަރައްގީކޮށް ހިންގާ ޓައުންޝިޕް ޕްރޮޖެކްޓުގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގުމަށް ދުނިޔޭގައި އެފަދަ ޕްރޮގްރާމުތައް ހިންގުމަށް މަޝްހޫރު ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ވާހަކަތައް ދޮގުކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި، ސިޔާސީ ހިޔާލު ތަފާތުވުންތަކަކީ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ވެގެން ނުވާނެއެވެ. އަދި ރައްޔިތުންގެ ލާބަޔާއި އިންވެސްޓްމަންޓްތަކުން އުފެދޭ ފުރުސަތުތަކަށްޓަކައި، ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓާލަން ޖެހޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިންވެސްޓްކުރަން އަންނަ ފަރާތްތަކަށް އަމާޒުކޮށް ދޮގު ވާހަކަތައް ފެތުރުމާއި ބިރުދެއްކުން ހުއްޓާލުމަކީ ގައުމުގެ ކުރިމަގަށްޓަކައި ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، "ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި މިފަދަ ކަންކަމުން ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް، މިފަދަ ދޮގު ވާހަކަތައް ވާނީ ހިތްގައިމު މިއުޒިކަކަށް" ކަމަށެވެ.

ރާއްޖޭގެ އިގުތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަންކަން ފާހަގަކުރައްވައި، އެ ސިނާއަތަކީ އަބަދުވެސް ބަދަލުވަމުންދާ އެއްޗެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. "ނަފުރަތާއި ދޮގާއި ހަސަދައަކުން މި އިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ،" ކަމަށް ވިދާޅުވެ، ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނު ކަމަށާއި، ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނުހިނގާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އެހެންކަމުން، ކަންކަމުގެ ހަގީގަތް ބެލުމުގެ ބަދަލުގައި ދޮގު ހަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް ސައީދު ވަނީ އިލްތިމާސްކުރައްވައިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެސް ވަނީ، ހެންލީ އެންޑް ޕާޓްނާސްއާ ހަވާލުކޮށްގެން އެފަދަ ޕްރޮގްރާމެއް ރަސްމާލޭގައި ވެސް ހިންގަން އުޅޭ ކަމަށް ތުހުމަތުކުރައްވައިފައެވެ.