ބަހްރެއިންގެ ގައުމީ އެއާލައިން، ގަލްފު އެއާގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.

ގަލްފު އެއާ އިން ކުރިން ބުނީ، ބަހްރެއިނާއި ރާއްޖެއާ ދެމެދު އެ އެއާލައިނުން ހަފްތާއަކު ދެ ފްލައިޓް ބާއްވާނެ ކަމަށެވެ. އަދި އެ ދަތުރުތައް އަންނަ ޖަނަވަރީ މަހުގެ ނިޔަލަށް ބާއްވާނެ ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުތައް ކުރަން ފެށި ގަލްފު އެއާ އިން ފުރަތަމަ ބާއްވަން ނިންމާފައި އޮތީ، އެއާބަސް 321 މަރުކާގެ ބޯޓެކެވެ. އެއީ ގާތްގަނޑަކަށް 200 ފަސިންޖަރުންގެ ފްލައިޓެކެވެ. ނަމަވެސް ޑިމާންޑު ބޮޑުވުމުން ފަހުން ވަނީ ގާތްގަނޑަކަށް 300 ފަސިންޖަރުންގެ ބޮއިން 787ގެ މަތިންދާ ބޯޓަކަށް ބަދަލުކޮށްފަ އެވެ.

ގަލްފު އެއާ އިން މިހާރު ވެސް އަންނަނީ އަބޫ ދާބީ، ދުބާއީ، ކުވޭތު، ޖިއްދާ، މަދީނާ، މުސްކަޓް، ކައިރޯ، އައްމާން، ލަންޑަން، ޕެރިސް، އެތެންސް، މެނީލާ، ޑާކާ އަދި އިންޑިއާ އާއި ޕާކިސްތާނުގެ ބައެއް މަންޒިލްތަކަށް ފްލައިޓްތައް ބާއްވަމުންނެވެ.

ގަލްފު އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު އެ އެއާލައިން ވެގެންދާނީ ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން މެދުއިރުމަތިން ރާއްޖެއަށް ފްލައިޓްތައް ބާއްވާ ފަސްވަނަ އެއާލައިނަށެވެ.

މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުން މިހާރުވެސް ރާއްޖެއަށް ދަތުރުތައް ބާއްވާއިރު ޑިމާންޑު ބޮޑުވެ އެ އެއާލައިންތަކުގެ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށި ގަތަރު އެއާވޭސް އާއި އެމިރޭޓްސް ހިމެނެ އެވެ. އެ ދެ އެއާލައިނުން ވަނީ ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް ބާއްވަން ނިންމައިފަ އެވެ.