ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމާމެދު 56.3 ޕަސެންޓު މީހުން ހިތްހަމަ ނުޖެހޭކަން ހިއުމަންރައިޓްސް ކޮމިޝަން، (އެޗްއާރުސިއެމް) އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ކޮށްފައިވާ ދިރާސާއަކުން ދައްކައިފިއެވެ.

އެ ދިރާސާގެ މައުލޫމާތު އެޗްއާރުސީއެމުން މިއަދު ވަނީ އާއްމުކޮށްފައެވެ.

އެޗްއާރުސީއެމް އިން ބުނީ، ރާއްޖޭގެ 20 ރަށެއްގައި ކުރިއަށް ގެންދިޔަ މި ސާވޭގައި 1160 މީހުން ބައިވެރިވެފައިވާއިރު، އަދުލު އިންސާފުގެ ނިޒާމާމެދު އޮތް އިތުބާރު ގެއްލިފައިވާ އެންމެ ބޮޑު ސަބަބެއް ކަމަށް 39.2 ޕަސެންޓް މީހުން ފާހަގަ ކޮށްފައި ވަނީ ކޮރަޕްޝަން ކަމަށެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، 63.6 ޕަސެންޓް މީހުން ސިއްހީ ހިދުމަތްތަކާމެދު ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް މިގޮތަށް ފާހަގަ ކޮށްފައި ވަނީ ވެރިކަންކުރާ ރަށް ފިޔަވައި އެހެން ރަށްތަކުގައި ދިރިއުޅޭ 62.3 ޕަސެންޓް ބައިވެރިންކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.

ވެރިކަން ކުރާ ރަށާއި އެހެން ރަށްތަކާ ދެމެދު ވަސީލަތްތައް ކަނޑައަޅާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށް 59 ޕަސެންޓް ބައިވެރިން ފާހަގަ ކޮށްފައިވާ ކަމަށްވެސް ސާވޭގައި ބުނެފައި ވެއެވެ.

އެޗްއާރުސީއެމް އިން ބުނީ، މި ދިރާސާއަކީ ހިއުމަންރައިޓްސް ކޮމިޝަނާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން ކޮށްފައިވާ ދިރާސާއެއް ކަމަށެވެ.

ދަ "ރައިޓްސް" ސައިޑް އޮފް ލައިފް ދިރާސާއަކީ، އިންސާނީ ހައްގުތަކާމެދު އާއްމުން ދެކޭގޮތާއި އާއްމުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދާ ސިލްސިލާ ދިރާސާއެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެޗްއާރުސީއެމުން ބުނީ މި ދިރާސާގެ މައިގަނޑު މަގުސަދަކީ ސާވޭއިން ލިބުނު މައުލޫމާތުގެ އަލީގައި ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު މިހާރު އޮތް މިންވަރު ދެނެގަތުމާއެކު އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް އިތުރަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރުން ކަމަށެވެ. އަދި މި ދިރާސާގެ މައުލުމާތުގެ މައްޗަށް ބިނާކޮށް އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށާއި، ގެވެށި އަނިޔާ ހުއްޓުވުމަށާއި ކުރިމަގުގައި ކަމާ ގުޅުންހުރި އިތުރު ދިރާސާތައް ކުރާނެ ދާއިރާތައް ކަނޑައެޅުމުގައި އިސްކަންދޭނެ ކަންކަން ފާހަގަ ކުރުމެވެ.