އޮޔާދިޔަ ދެ ތެޔޮ ބޯޓުގައި ތިބި ފަޅުވެރިންގެ ކާބޯތަކެއްޗާއި އަސާސީ ސާމާނު ހުސްވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.
މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ނަގިލި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖުގައި ޖެހުނު ތެޔޮ އުފުލާ ބޭރުގެ ދެ ބޯޓު އިއްޔެ އަޑިއަށް ދިޔަ އިރު، އެ ބޯޓުތަކުގައި ނުވަ ފަޅުވެރިން ތިއްބެވެ. ބޯޓުތައް އަޑިއަށް ގޮސްފައިވަނީ ދިޔަވުމުގެ ސަބަބުން، މާލެ އަތޮޅުގެ އިރުމަތީ ފަރާތުން ރާއްޖޭގެ ސަރަހައްދީ އިމުން ބޭރަށް، ގާތްގަނޑަކަށް 30 ނޯޓިކަލް މޭލު ބޭރުންނެވެ.
އެ ހާދިސާގައި އަޑިއަށް ދިޔައީ ރަސްމީ އައިއެމްއޯ ނަންބަރެއް ނެތް "އޭއެލް 1" އަދި ޓޯގޯގެ ރަޖިސްޓްރީއެއް އޮތް "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ދެ ބޯޓެވެ. ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އެންގުމަކާ ނުލައި މާލެ ކައިރީގައި ހަފުތާއެއްހާ ދުވަހު އޮތް އެ ދެ ބޯޓު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.
އެޗްއާރުސީއެމުން މިއަދު ބުނި ގޮތުގައި، ބޯޓުގެ ފަޅުވެރިންނާ ގުޅޭ މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް އައިސްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މައްސަލަ ހުށަހެޅީ އުޅަނދުގައި ބޯފެނާއި ކާތަކެތީގެ އިތުރުން އަސާސީ ސާމާނު ހުސްވެފައިވާ ކަމަށްބުނެ، އެ އުޅަނދުގެ ފަޅުވެރިންގެ ފަރާތުންނެވެ.
މި މައްސަލައާ ގުޅިގެން، އުޅަނދުގައި ތިބި ފަޅުވެރިންގެ ސިއްހީ ހާލަތާއި ކެއިންބުއިމާއި އަސާސީ ބޭނުންތައް ފުރިހަމަވެފައިވޭތޯ އެޗްއާރުސީއެމުން ވަނީ ބަލައިފައެވެ. އަދި އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހައްގުތައް ކަށަވަރުކުރުމަށްޓަކައި، ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން ރާއްޖެއިން ކަނޑައަޅާފައިވާ އެޖެންޓާ ގުޅިގެން ޖުލައި މަހުގެ ތެރޭގައި ކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. މިއީ އެ ކޮމިޝަނުން މިހާރުވެސް މޮނިޓާކޮށް ބަލަމުންގެންދާ މައްސަލައެއް ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.
ދޫނިދޫ އާއި މާލެއާ ދެމެދު ބަނދަރުކޮށްފައި އޮއްވައި އެ ދެ އުޅަނދު އޮޔާދާން މެދުވެރިވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 10:00 ހާއިރު މާލެ ސަރަހައްދަށް އައި ގަދަ ކޮޅިގަނޑެއްގައެވެ. އޮޔާދިޔަ މަގުމަތީގައި ބޯޓުތައް ފުރަތަމަ ކާނިވާ ސަރަހައްދުގެ ފަރުމައްޗަށް އުރުނު ނަމަވެސް، ފަހުން އޮޔާއެކު ގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ވަނީ ޖެހިފައެވެ.
އެ ހާދިސާގައި ބްރިޖުގެ ތަނބުގައި ޖެހިފައިވަނީ ބޯޓުގައި ހުރި ދަގަނޑު އެންޓެނާއަކާއި ނެވިގޭޝަން ލައިޓެކެވެ. ބްރިޖުގެ ދަށުން ބޯޓުތައް މާލޭގެ ދެކުނު ފަރާތަށް އޮޔާ ދިޔަ އިރު، ބްރިޖުގެ މައިގަނޑު އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ބްރިޖުގައި ކޫރުންތަކެއް ވަނީ އެޅިފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ކޮމެންޓް