ހދ. ހިރިމަރަދޫއަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސިއިރު، އެ ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދީފައި ނުވާ ކަމަށް ބުނެ، އެމްޑީޕީން ހުށަހެޅި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބަލަން ފަށައިފިއެވެ.
މިދިޔަ މަހު އެމްޑީޕީން އެޗްއާރްސީއެމަށް ހުށަހެޅި އެ މައްސަލައިގައި ބަޔާންކޮށްފައިވަނީ، ލާމަރުކަޒީ ގާނޫނާ ހިލާފަށް ހިރިމަރަދޫ ކައުންސިލް އުވާލައި، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ އެތައް ހައްގުތަކަކުން އެ ރަށުގެ ރައްޔިތުން މަހްރޫމްކޮށްފައިވާ ކަމަށެވެ. އަދި އެ ރަށުގެ އިދާރީ ކަންކަން ހަނިމާދޫ ކައުންސިލާ ހަވާލުކުރި ނަމަވެސް، އެ އިންތިޒާމުތައް އެދެވޭ ގޮތުގައި ނުހިނގާ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
އެޗްއާރްސީއެމުން ބުނީ އެ މައްސަލަ ރަޖިސްޓްރީކޮށް، ބަލަން ފަށާފައިވާ ކަމަށެވެ.
ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އެންމެ މަދު އާބާދީއެއް އޮތް ހިރިމަރަދޫގައި އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާ ގޮތުން ދިރިއުޅެނީ ޖުމްލަ 293 މީހުންނެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ. ހިރިމަރަދޫ މީހުން އެހެން ރަށަކަށް ހިޖުރަކުރުމަށްޓަކައި ސަރުކާރުން ނިންމާފައިވަނީ ހަނިމާދޫގައި އެ މީހުންނަށް ހާއްސަ ހައުސިން ޔުނިޓުތަކެއް ހެދުމަށެވެ. ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައިނުވެއެވެ.
އެ މަޝްރޫއު ލަސްވާ މައްސަލައިގައި މަޖިލީހުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ މަހު ވިދާޅުވެފައިވަނީ، މަސައްކަތް ކުރިއަށް ގެންދިއުމުގައި ހަނިމާދޫ ކައުންސިލުން ދަތިތައް ކުރިމަތިކޮށް، އެއްބާރުލުން ނުދޭ ކަމަށެވެ. އަދި ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި އަޅާ ބޯހިޔާވަހިކަމާއި ހަނިމާދޫގެ އާންމު ބޯހިޔާވަހިކަމުގެ މަޝްރޫއު ވަކިން ކުރިއަށް ގެންދަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ކޮމެންޓް