ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގައި އަލުން އޮރެންޖް ކުލަ ލަނީ، ކުލަ ފޭދިފައިވާތީ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހިޔާ ފްލެޓްތަކުގައި ރީނދޫ ކުލަ ލާކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެމުން، އެޗްޑީސީން ރޭ ކުރި ޓުވީޓެއްގައި ބުނީ ފްލެޓްތަކުގައި އޮރެންޖް ކުލަ ލާފައިވަނީ މިދިޔަ ޖެނުއަރީގައި ކަމަށެވެ. ނަމަވެސް ކުލަ ފޭދޭ މައްސަލަ ދިމާވެ، ކުރިން ލާފައިހުރި ކުލައާ އެންމެ ވައްތަރު އޮރެންޖް ކުލައެއް ލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އިމާރާތުގެ މަސައްކަތްތައް އެއްކޮށް ނިމިފައިނުވާތީ، ކުލަ ލުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަނީ ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުން ކަމަށެވެ. އެހެން ކަމުން މިކަމަށް ސަރުކާރުން އެއްވެސް އިތުރު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް ވެސް އެޗްޑީސީ އިން ބުންޏެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 7،000 ފްލެޓް ލިބުނު މީހުންގެ ލިސްޓެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާނު ކުރިއެވެ. ނަމަވެސް އެ ލިސްޓު އެކުލަވައިލުމުގައި ކަންބޮޑުވުންތަކެއް ހުރުމުން ފްލެޓްތަކުގެ މައްސަލަ ބެލުމަށް މި ސަރުކާރުން ރިޔާސީ ކޮމިޝަނެއް އުފައްދައި އެ މަސައްކަތް ފެށިއެވެ.
ފްލެޓް ކޮމިޓީން މީގެ ކުރިން ބުނީ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިމަހުގެ ތެރޭގައި ފައިނަލް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް ދެ ކޮޓަރީގެ އެޕާޓުމަންޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ހަ ކެޓަގަރީއެއްގެ ވަގުތީ ލިސްޓް އިއުލާންކޮށްފައިވާއިރު، ވަގުތީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތް ވެސް ވަނީ އާންމުކޮށްފައެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ