ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ހެޑް އޮފީސް އިމާރާތް ހުޅުމާލެ 2 ގައި އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ބީއެމްއެލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެ ލޮޓް ނަންބަރު 11824 ގައި އާ ހެޑް އޮފީސް އިމާރާތެއް އެޅުމަށް، އެތަން ޑިޒައިން ކުރުމާއި އިމާރާތް ކުރުމާއި އަދި ފައިނޭންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި މަޝްރޫއުއަށް ޝައުގުވެރިކަން (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.

އިއުލާނުގައި ބުނީ އާ އިމާރާތް ހަދަނީ 2,648.40 އަކަމީޓަރުގެ ބިމެއްގައި ކަމަށާއި އެއީ ބޭސްމަންޓް ލެވަލްގެ ދެ ފުލޯއާ އެކު 14 ފްލޯގެ އެ އިމާރާތެއް ކަމަށެވެ. އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހާއްސަ ކުރަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށާއި މުވައްޒަފުންގެ ބޭނުންތަކަށް އަދި ރީ-ޓެއިލް ކަންކަމަށެވެ. އަދި މަދުވެގެން 65 ކާރު އަދި 400 ސައިކަލް ޕާކު ކުރެވޭނެ ޖާގަ ހުންނަން ޖެހޭ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

މީގެ އިތުރުން 12 ވަނަ ފުލޯގައި ހުންނަނީ ބަގީޗާ ޓެރަސްއެއް ކަމަށާއި 13 އަދި 14 ވަނަ ފުލޯއަކީ އެގްޒެކެޓިވް ފްލޯތައް ކަމަށެވެ. އަދި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ފުރާޅުގައި ސޯލާ ފާމެއް ހަދަން ޖެހޭ ކަމަށް ވެސް އިއުލާނުގައިވެއެވެ.

ބީއެމްއެލުން ބުނީ މި މަޝްރޫއު ހިންގުމަށް ހޮވޭ ފަރާތަކުން މުޅި މަޝްރޫއު އެއްކޮށް ނިންމުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށާއި މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސަންވާނީ އެކަމަށް ހޮވޭ ފަރާތުން އެ ބޭންކު ނޫން ބޭރުގެ ވަސީލަތްތައް މެދުވެރިކޮށް އެމެރިކާ ޑޮލަރުން ކަމަށެވެ.

ބީއެމްއެލްގެ ފައިސާ ނުވަތަ ބޭންކުން ފޮރިން ކަރަންސީ ހަމަޖައްސައިދޭ ގޮތަށް ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެއެވެ. އަދި ކޮންވެންޝަނަލް ނުވަތަ ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިން މޮޑެލްތައް ވެސް ހުށަހެޅިދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެޗްޑީސީގެ ނަމުގައި ހުޅުމާލެ ދޭސް ދޭއްގައި އޮންނަ ބިމެއް ބީއެމްއެލްއަށް ބަދަލުކުރީ އެ ބޭންކުގެ ނަމުގައި ހުޅުމާލެ ފޭސް އެކެއްގައި އޮތް ބިމަކާ ލާޖައްސައިގެންނެވެ. އެގޮތަށް ބަދަލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.