ސިޓީ ހޮޓެލެއްގެ ގޮތުގައި ތަރައްގީކުރަން ފެށި ހޮޓެލްގެ މަސައްކަތް އެތައް އަހަރަކަށްފަހު ނިންމައި، "މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި މިރޭ ހުޅުވައިފިއެވެ.

ވޯލްޑް އޮފް ބިޒްނަސްއިން ހިންގާ ފަސް ތަރީގެ މެންހަޓަން ގްރޭންޑް ހޮޓެލް ހުޅުވާފައިވަނީ އެ ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އެ ރަސްމިއްޔާތަށްފަހު އެ ހޮޓާ ހުންނަ ހުޅުމާލޭ ފިތުރޯނު މަގު ސަރަހައްދުގައި ވަނީ ހަވާ ވެސް އަރުވައިފައެވެ.

އެ ހޮޓަލްގެ މަސައްކަތް އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުނި ކަމަށްވާ ވޯލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފަށާފައިވަނީ، އެ މަސައްކަތް ކުރިން ހަވާލުވެފައި އޮތް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އާއެކު ސެޓްލްމެންޓް އެގްރީމެންޓަކަށް ދިއުމަށްފަހުއެވެ. އެތަން ވޯލްޑް އޮފް ބިޒްނަސްއާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅެވެ.

7 ނޮވެމްބަރު 2026، ހުޅުމާލޭގައި ހުޅުވި ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓެލް -- ވަން ފޮޓޯ/ އަލީ ޔާމީން

އެސްޓީއޯއިން ސިޓީ ހޮޓެލެއް ހެދުމަށް 2008 ވަނަ އަހަރު އެމެރިކާގެ ކުންފުންޏަކާއެކު ސޮއިކުރި ނަމަވެސް، އެ ކުންފުންޏަށް އަމަލީ މަސައްކަތް ފެށިފައިވަނީ ވެސް އޭގެ ދެ އަހަރު ފަހުންނެވެ. އެއަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން އެ މަސައްކަތް ކުރިއަށްނުގޮސް، ގިނަ ލަސްތަކެއް ކުރިމަތިވެފައިވެއެވެ.

ވޯލްޑް އޮފް ބިޒްނަސްއިން މެންހަޓަން ގްރޭންޑް ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 ޕަސަންޓް ފޮރިން އިންވެސްޓްމަންޓާއެކުއެވެ. އެ މަޝްރޫއަށް އިންވެސްޓްކުރަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.

ހުޅުމާލޭގައި ހުޅުވި ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓެލް --

މެންހަޓަން ގްރޭންޑް ހޮޓެލްގައި 162 ކޮޓަރި ހުރެއެވެ. އަށް ކެޓަގަރީއަކަށް ބަހާލާފައިވާ މި ކޮޓަރިތަކުގެ ތެރޭގައި ސްޓޭންޑަޑް ކިންގް ސިޓީ ވިއު، ސްޓޭންޑަޑް ކިންގް ޕާޝަލް ސީ ވިއު، ސްޓޭންޑަޑް ޓްވިން ޕާޝަލް ސީ ވިއު، ސްޓޭންޑަޑް ކިންގް ސީ ވިއު، ސްޓޭންޑަޑް ޓްވިން ސީ ވިއު، ޑިލަކްސް ސިޓީ ވިއު، ޑިލަކްސް ސީ ވިއު އަދި ޖޫނިއާ ސުއިޓް ހިމެނެއެވެ. ގުދުރަތީ އަލިކަން ލިބޭ ބޮޑެތި ކުޑަދޮރުތައް ހުންނަ މި ކޮޓަރިތަކުން ކަނޑުގެ މަންޒަރު ނުވަތަ ސިޓީގެ މަންޒަރު ފެންނާނެ ކަމަށް އެ ހޮޓެލުން ބުނެއެވެ.

މީގެ އިތުރުން، އެ ހޮޓެލްގައި ސްޕާ އަދި ވެލްނަސް ހިދުމަތްތަކާއެކު، ކެއިންބުއިމަށް ހާއްސަ ހަތަރު ތަނެއް ހުރެއެވެ. އޭގެ ތެރޭގައި އެ ހޮޓެލްގެ ހާއްސަ "ވޯލްޑް އޮފް ސީފުޑް" ކޮންސެޕްޓްގެ ދަށުން ތާޒާ ކަނޑުމަހުގެ ބާވަތްތައް ލިބޭ އިންތިޒާމު ހިމެނެއެވެ. އަދި ކޮންފަރެންސްތަކާއި، ކައިވެނި ޕާޓީތަކާއި، އެކި ހަފުލާތައް ބޭއްވުމަށް 700 އަކަމީޓަރުގެ ޖާގައިގެ ދެ ޓެރަސް އިވެންޓް ހޯލާއި، މީޓިން ރޫމްތަކުގެ އިތުރުން ޒަމާނީ އޯޑިއޯވިޝުއަލް ވަސީލަތްތައް އެ ހޮޓެލްގައި ގާއިމުކޮށްފައިވެއެވެ.

ހުޅުމާލޭގައި ހުޅުވި ފަސްތަރީގެ މެންހަޓަން ގްރޭންޑް ހޮޓެލް --

ހޮޓެލާއެކު މީޑިއާތަކުގެ އޮފީސްތައް ހިންގުމަށް ސަރުކާރުން ދޫކުރާ މީޑިއާ ވިލެޖު ވެސް ހިމެނެއެވެ. އެތަނަކީ ވެސް އިންވެސްޓަރުން ހަރަދުކޮށްގެން ތަރައްގީކުރާ ތަނެކެވެ.

މެންހަޓަން ގްރޭންޑް ހޮޓެލަކީ ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރި ހޮޓެލެކެވެ.