ހުޅުމާލޭގައި އަލަށް ތަރައްގީކުރި މެންހަޓަން ގްރޭންޑް ހޮޓެލް ރަސްމީކޮށް މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނި ގޮތުގައި، މި ހޮޓެލް ހުޅުވުން ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ހަވާ އެރުވުމާއެކު ބޮނޑިބަތުގެ ފަރިއްކޮޅެއް އޮންނާނެއެވެ.

މި ހަރަކާތް ކުރިއަށްދާނީ މިރޭ 10:00 އިން 10:30 އަށް، ހުޅުމާލޭގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލް ކައިރީގައި ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މީގެ އިތުރުން، މި ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްޓަކައި، ހުރިހާ އާންމު ރައްޔިތުންނަށް ދައުވަތުދޭ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ވިޔަފާރި ދަތުރުތަކާއި ޗުއްޓީ ހޭދަކުރުމަށް އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހަދާފައިވާ މި ހޮޓެލްގައި 162 ކޮޓަރި ހުރެއެވެ. އަށް ކެޓަގަރީއަކަށް ބަހާލާފައިވާ މި ކޮޓަރިތަކުގެ ތެރޭގައި ސްޓޭންޑަޑް ކިންގް ސިޓީ ވިއު، ސްޓޭންޑަޑް ކިންގް ޕާޝަލް ސީ ވިއު، ސްޓޭންޑަޑް ޓްވިން ޕާޝަލް ސީ ވިއު، ސްޓޭންޑަޑް ކިންގް ސީ ވިއު، ސްޓޭންޑަޑް ޓްވިން ސީ ވިއު، ޑިލަކްސް ސިޓީ ވިއު، ޑިލަކްސް ސީ ވިއު އަދި ޖޫނިއާ ސުއިޓް ހިމެނެއެވެ. ގުދުރަތީ އަލިކަން ލިބޭ ބޮޑެތި ކުޑަދޮރުތައް ހުންނަ މި ކޮޓަރިތަކުން ކަނޑުގެ މަންޒަރު ނުވަތަ ސިޓީގެ މަންޒަރު ފެންނާނެ ކަމަށް އެ ހޮޓެލުން ބުންޏެވެ.

މީގެ އިތުރުން، އެ ހޮޓެލްގައި ސްޕާ އަދި ވެލްނަސް ހިދުމަތްތަކާއެކު، ކެއިންބުއިމަށް ހާއްސަ ހަތަރު ތަނެއް ހުރެއެވެ. އޭގެ ތެރޭގައި އެ ހޮޓެލްގެ ހާއްސަ "ވޯލްޑް އޮފް ސީފުޑް" ކޮންސެޕްޓްގެ ދަށުން ތާޒާ ކަނޑުމަހުގެ ބާވަތްތައް ލިބޭ އިންތިޒާމު ހިމެނެއެވެ. އަދި ކޮންފަރެންސްތަކާއި، ކައިވެނި ޕާޓީތަކާއި، އެކި ހަފުލާތައް ބޭއްވުމަށް 700 އަކަމީޓަރުގެ ޖާގައިގެ ދެ ޓެރަސް އިވެންޓް ހޯލާއި، މީޓިން ރޫމްތަކުގެ އިތުރުން ޒަމާނީ އޯޑިއޯވިޝުއަލް ވަސީލަތްތައް އެ ހޮޓެލްގައި ގާއިމުކޮށްފައިވެއެވެ.