ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، ހައްގުތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ ކަމަށާއި އެކަންކަން ހުއްޓާނުލައި ކުރިއަށްގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ތައުލީމީ ދާއިރާ އާއި ސިއްހީ ނިޒާމު ހަރުދަނާކުރުމާއި ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމިކޮށް، ހައްގުތައް ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. ނަމަވެސް އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި އެ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަސް ބައްދަލުކުރީ، މުޅި ދުނިޔެއަށް ވަރަށް ބޮޑު ގުދުރަތީ ކާރިސާއެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ. މިހާރު ފެތުރިފައިވާ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް އިންސާނީ އެތައް ހައްގަކުން މަހުރޫމުވެފައިވާ ކަމަށެވެ.
ރަނގަޅު ކާނާ އާއި ސާފު ބޯފެން ލިބުމާއި ބޭސްފަރުވާ ކުރުން ފަދަ، ދިރިހުރުމުގެ ހައްގާ ގުޅިފައިވާ އިންސާނީ ހައްގުތަކުން މަހުރޫމުވެފައިވާ އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި ކަމަށެވެ. އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި ވަޒީފާ އަދާކުރުމާއި ދަތުރުފަތުރުކުރުން ފަދަ އަސާސީ ހައްގުތަކުން މަހުރޫމުވެފައިވާ އެތައް ބަޔަކު ރާއްޖޭގައިވެސް އެބަތިބި ކަމަށް ރައީސް ވިދާޅުވިއެވެ.
"ކޮވިޑާ ދެކޮޅު ވެކްސިނެއްގެ އުންމީދު އާވަމުން އަންނަ މިދަނޑިވަޅުގައި މުޅި ދުނިޔެވެސް މިއަދު ރާވަމުން އަންނަނީ، މި ބަލީގެ ސަބަބުން ލިބެމުންދާ ސިއްހީ، އިޖުތިމާއީ އަދި އިގުތިސޯދީ ގެއްލުންތަކުން އަރައިގަންނާނެ ގޮތުގެ ރޭވުންތަކެއް، ގައުމީ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގައި އެފަދަ ރޭވުންތައް ރާވައި ތަންފީޒުކުރާ އިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، އިންސާނީ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް. ބައިނަލްއަގުވާމީ މުޖުތަމައު އިހު އޮތް އާންމު ހާލަތަށް އެނބުރި ދިއުމަށްޓަކައި، ކޮވިޑް ނައްތައިލުމަށް ކުރާ މަސައްކަތުގައި ދޭދޭ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރަންޖެހޭ. ކޮވިޑާ ދެކޮޅަށް އުފައްދާ ވެކްސިނާއި ބޭސްވެސް ފަގީރު ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ، ހަމަހަމަ އުސޫލެއް ގާއިމުކުރެވެންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު އެކަމާ ދެކޮޅަށް މަސައްކަތްކުރަމުން އަންނަނީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށެވެ. ބަލިޖެހޭ މީހުންނަށް ފަރުވާކުރުމާއި އެކަހެރިކުރުމާއި ކަރަންޓީނު ކުރުމުގައިވެސް ދިވެހި ދައުލަތުގެ ފަރާތުން އަމަލުކުރަމުން އަންނަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށް ވިދާޅުވިއެވެ.
"ކޮވިޑުގެ ބަލިމަޑުކަމުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައިވެސް ސަރުކާރުގެ އެންމެ އިސް ސިޔާސަތަކަށް ވާނީ ރާއްޖޭގައި ދިރިއުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އެންމެންގެ އިންސާނީ ހައްގުތައް، އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ރައްކާތެރިކޮށްދިނުން. ވަކިން ހާއްސަ ގޮތެއްގައި ކޮވިޑުގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އަލުން އާރާސްތުކުރުމަށް މަސައްކަތްކުރުމަކީ މިހާރު އެކުލަވައިލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022 ގައިވެސް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.
މިއަދު އެންމެންވެސް އެކަކު އަނެކަކުގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވެފައިވާ ކަމަށާއި މިއީ އާއިލާގެ މެންބަރުންގެ މެދުގައިވެސް އެކަކު އަނެކަކަށް އޯގާތެރިވުމަށް ހާއްސަ އިސްކަމެއް ދޭން ޖެހިފައިވާ ދުވަސްވަރެއް ކަމަށެވެ. ކޮވިޑުގެ ސަބަބުން އާއިލާތަކަށާއި މުޖުތަމައަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކާއި ނަފްސާނީ ހިތްދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އެންމެންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިފަދަ ދަތި އުނދަގޫ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފަތައް ކުރިއަށް ނެރެ، އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ، ކޮވިޑުގެ ގެއްލުންތަކުން އަރައިގަތުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު