މަސްވެރިކަމަކީ އާންމު ގޮތެއްގައި ފިރިހެނުން ކޮށް އުޅޭ މަސައްކަތެކެވެ. ޒަމާނުއްސުރެ މިއަދާ ހަމައަށްވެސް އެ ސިނާއަތުގައި ގިނައިން ހަރަކާތްތެރިވަނީ ފިރިހެނުންނެވެ. ނަމަވެސް މަސްވެރިކަމަކީ އަންހެނުންނަށްވެސް ކުރެވިދާނެ މަސައްކަތެއްކަން ތާރީހު ހެކިދެއެވެ. މީގެ ޒަމާންތަކެއް ކުރިން އަންހެންވެރިން މަސް ކަނޑަށް ނުކުމެ އެތައް ޓަނެއްގެ މަސް ބާނައިފައި އެބަހުއްޓެވެ. އޭގެ އެތައް އަހަރެއް ފަހުން މިއަދު އަނެއްކާ މިވަނީ އެ މަންޒަރު އިޔާދަ ވެފައެވެ. މިއަދު ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ނައިފަރުގެ ހީވާގި ކަނބަލުން މިވަނީ މަސް ދޯނިތަކުގައި މާސިންގާ ކަނޑަށް ނުކުމެ އެތައް ޓަނެއްގެ މަސް ބާނައިފައެވެ.
އިއްޔެ ހަވީރު، ހަ ދޯންޏެއްގައި އެރަށުގެ 80 ކަނބަލުން މާކަނޑަށް ނުކުތީ، މަސްވެރިކަމަކީ ކަނބަލުންނަށްވެސް ކުރެވިދާނެ ކަމެއް ކަން ސާބިތުކޮށްދިނުމަށެވެ. ދޯނި ދުއްވުން ނޫން އެހެން ހުރިހާ ކަމެއްގައި އެ ކަނބަލުން ޝާމިލްވިއެވެ. ނަގިލި ނެގުމާއި ރޭގަނޑުގެ ކަނު އަނދިރީގައި އެންދެމުމަށް ހާހަލާއި ގިރިތަކަށް ފޭބުމާއި މަސް އައިން ދަހިކުރުމަށް އެން އުކުމާއި ފޫފަލަ މަސް ކުރުދޮށީގައި ފަރިތަކަމާއެކު ބޭނުމުގައިވެސް ހަރަކާތްތެރިވީ ކަނބަލުންނެވެ.
ނައިފަރު ފިޝަމޭންސް އެސޯޝިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ނިންމާލީ މިއަދު ހަވީރު 6:00 ގައެވެ. ހަރަކާތް ނިންމާލިއިރު ދޯނިތަކުން ވަނީ އެކު ޖުމުލަ 15 ޓަނުގެ މަސް ބާނައިފައެވެ. ބައެއް ދޯނިތަކުން އެކަނިވެސް 6-8 ޓަނުގެ މަސް ބޭނިއެވެ. ބޭނި މަސްތައް އައިސް އަޅައި ރައްކާކޮށްފައިވާއިރު، މާކަނޑަށް ނުކުމެ ނައިފަރު ކަނބަލުން އެ ސާބިތުކޮށްދިނީ އެމީހުންނަކީ ފިރިހެނުންނަށް ދޫދޭނެ ބައެއް ނޫން ކަމެކެވެ.
ނައިފަރު ފިޝަމޭންސް އެސޯޝިއޭޝަނުންގެ ރައީސް ފަރުހާދު މުހައްމަދު ވިދާޅުވި ގޮތުގައި އެއް ދުވަސް ވަންދެން ކަނޑުމަތީގައި ހޭދަކުރުމަށް ފަހު ރަށަށް އެނބުރި އައިރު އެއްވެސް ކަނބަލެއްގެ މޫނު މަތިން ވަރުބަލިކަމެއް ނުފެނެއެވެ. ހެވިދިލިފައިވާ މޫނުތަކާއެކު އެރަށުގެ ކަނބަލުން ތިބީ ކުރެވުނު މަސައްކަތާމެދު ހިތްހަމަ ޖެހިފައެވެ. މަސްދަތުރުގައި ބައިވެރިވި ބައެއް ކަނބަލުންގެ ހިތް މަސްވެރިކަމަށް ހަމަ ހަގީގަތުގައިވެސް ލަންބުވައިފިއެވެ. ޗުއްޓީއެއް ލިބޭއިރަށް ނުވަތަ ހަފްތާ ބަންދުގައިވެސް މަހަށް ނުކުތުމަށް ކަނބަލުން ބޭނުންވާ ކަމުގައި ފަރުހާދު ވިދާޅުވިއެވެ.
"އެއްވެސް އަންހެނެއްގެ މޫނަމަތީން މާޔޫސްކަމެއް ވަރުބަލިކަމެއް ނުފެނޭ. ފެންނަނީ ވަރަށް އުފާވެރި މޫނުތަކެއް. ބައެއް އަންހެނުން ބޭނުންވޭ މަހަށް ދާންވެސް. ބައެއް މީހުން އެބަ ބުނޭ ތިމަންނާމެން ޗުއްޓީއެއް ލިބޭއިރަށް މަހަށްށޭ ދާނީ. މިއީ ކުރެވޭ ވަރުގެ ކަމެކޭ" މަސް ބޭނުމަށްފަހު ރަށަށް އެނބުރި ދިޔަ އަންހެނުންގެ ޝުއޫރުތައް ކިޔައިދެމުން ފަރުހާދު ބުންޏެވެ.
މަސް ދަތުރުގެ ބައިވެރިވި އަންހެނުންގެ ޝަރަފުގައި މިރޭ ހާއްސަ ހަފްލާއެއްވެސް ނައިފަރު ބަނދަރު ސަރަހައްދުގައި ބާއްވާނެއެވެ. ބޮޑުބެރާއި ސަގާފީ ނެށުންތަކާއެކު ކުރިއަށް ގެންދަން ނިންމާފައިވާ އެ ހަފުލާގައި މަސް ދަތުރުގައި ބައިވެރިވި އަންހެނުންނަށް ހަނދާނީ ލިޔުން ދީ އެމީހުންގެ އަގުވަޒަން ކުރާނެއެވެ. އަދި އެންމެ ބަރު މަސް ބޭނި ތިން ދޯނި ހޮވައި އިނާމު ދިނުންވެސް އޮންނާނެއެވެ. ނައިފަރު ފިޝަމޭންސް އެސޯސިއޭޝަނުން ވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުކުރު ދުވަހު، އެރަށުގެ ބަނދަރުގައި އޮތް ހުރިހާ ދޯންޏަކަށް ޖާފަތް ގެންދިއުމަށްވެސް ނިންމައިފައެވެ.
ފަސްހާހަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ނައިފަރުގެ 60 އިންސައްތަ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ މަސްވެރިކަމެކެވެ. އެރަށުގައި މަސްވެރިކަން ކުރާ 23 ދޯނި އޮތްއިރު، މިއަދު އެރަށުގެ ކަނބަލުން ނުކުމެ 15 ޓަނު މަސް ބާނައި މިވަނީ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް