ކޮވިޑް ވެކްސިނާއެކު އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ، ކުރިއަރާނޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައި މިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ ފަރާތުން އިންތިޒާމުކުރި "ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީ" ގެ ހަތްވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވެ.

މިނިސްޓަރު ވިދާޅުވީ އުންމީދަކީ ކޮވިޑަށް ތައާރަފުކުރަމުން އަންނަ ވެކްސިންތައް ކައިރި މުސްތަގުބަލެއްގައި ބޭނުންކުރަން ފެށުން ކަމަށެވެ. އަދި މިހާރު ހަދަމުން އަންނަ ޕީސީއާރު ޓެސްޓުތައް ހެދުމުގައި ދިމާވަމުންދާ ދަތިތަކުން މިންޖުވެ، ފަތުރުވެރިންނަށް ދަތުރުފަތުރަށް ފަހިވުން ކަމަށްވެސް ވިދާޅުވިއެވެ.

"2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަން އަލުން ހިނގައިގަނެ ކުރިއަރާނޭ އަހަރެއް ކަމަށް ލަފާކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާގެ ސެކްރެޓްރީ ޖެނެރަލް ނޫރަބް ޕޮލޮލިކަޝްވިލީގެ އިތުރުން މެމްބަރު ގައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ކޮމިޓީއަކީ ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ހައްލެއް ގެނައުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

ކޮވިޑުގެ ވެކްސިންތައް ޓެސްޓުކުރެވި، މިހާރު ބައެއް ވެކްސިންތައް ބޭނުންކުރަން ވެސް ވަނީ ފަށައިފައެވެ. އެގޮތުން ޔޫކޭގެ ކޮވިޑް ވެކްސިން، ފައިޒާ އަންނަނީ ބައެއް ފަރާތްތަކަށް ދެމުންނެވެ.

މީގެ އިތުރުން ރާއްޖެއިން މަސައްކަތް ކުރަމުން އަންނަަނީ ވީ އެންމެ އަވަހަކަށް ވެކްސިން ހޯދުމަށް ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެކްސިން ޖަހަން ފެށޭނެ ކަމަށް ބެލެވޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު މިއަދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެންމެ ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނަށެވެ.