ދުނިޔޭގައި ކޮވިޑް-19އާ ދެކޮޅަށް މިހާތަނަށް އުފައްދާފައި ހުރި ވެކްސިން ހުރިހާ އުމުރެއްގެ މީހުންގެ ގަޔަކަށް ނުޖެހޭނެ ކަމަށް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމާ ގުޅޭގޮތުން އެޗްއީއޯސީން މިއަދު ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖެއިން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް ކޮވިޑްގެ ވެކްސިން ހޯދުމަށް ކަމަށާއި އުންމީދަކީ އަންނަ އަހަރުގެ ފުރަތަަމަ ކުއާޓަރުގެ ތެރޭގައި ރާއްޖޭގެ ވެކްސިން ޕްރޮގްރާމް ފެށުން ކަމަށެވެ.
ދުނިޔޭގެ ގައުމުތަކަށް ހަމަހަމަ އުސޫލަކުން ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން އެކުލަވާލައިފައިވާ ކޮވެކްސް ފެސިލިޓީން ވަނީ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖެހުމަށް ހިލޭ ވެކްސިން ހޯދުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ގަބޫލުކޮށްފައެވެ. އެހެންކަމުން، ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ރާއްޖޭގެ އާބާދީގެ 20 އިންސައްތަ މީހުންނަށް ޖެހުމަށް ހިލޭ ވެކްސިން ލިބޭނެއެވެ.
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އާބާދީގެ 20 އިންސައްތައަށްވާ ވެކްސިން ލިބޭއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ހިލޭ ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ އެ ވާހަކައަށް އިޝާރާތްކުރައްވައި، ޑރ. ނަޒްލާ މިއަދު ވިދާޅުވީ، އާބާދީގެ އެންމެންނަށް ކޮވިޑްގެ ވެކްސިން ނުޖެހޭނެ ކަމަށާއި ރައީސް އެ މާނަކުރެއްވީ، އާބާދީގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެންމެންގެ ގަޔަށް ވެކްސިން ޖެހުމަށް ކަމަށެވެ.
"ވެކްސިން ޓްރަޔަލްސްތަކުގައި ބައިވެރިވެފައި ތިބި ގްރޫޕްތަކުގެ ތެރޭގައި އެބަ ހިމެނޭ، މި ދެންނެވީ ވެކްސިން ޓްރަޔަލްތަކުގައި ނުވަތަ ތައްޔާރުކުރުމުގައި ބައެއް ގްރޫޕްތައް ނުހިމެނޭ. ހާއްސަކޮށް ކުޑަކުދިން ނޫނީ ބައެއް ކަހަލަ ބަލިބަލި ހުންނަ މީހުންގެ. އެހެންކަމުން ވެކްސިން އައުމުންވެސް އެ ވެކްސިން ޖެހޭނީ، ވެކްސިން ޓްރަޔަލްގައި ބައިވެރިވެފައި ހުރި ގްރޫޕްތަކުގެ މީހުންނަށް. އެހެންކަމުން މުޅި އާބާދީގެ އެންމެންނެކޭ ނޫން ރައީސް އެ ވިދާޅުވީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑްގެ ވެކްސިން ޖެހޭނީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަށް ކަމަށެވެ. އަދި އެންމެ ފުރަތަމަ ލިބޭ ވެކްސިން ދޭނީ ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނާއި 80 އަހަރުން މަތީގެ މީހުންނަށް ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން ގެންނަނީ ކޮވިޑްގެ ކޮން ވެކްސިނެއް ކަމެއް އަދި ނިންމައިފައެއް ނުވެއެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މީގެ ކުރިން ވިދާޅުވި ގޮތުގައި، ކޮވިޑާ ދެކޮޅަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން ފޭސް ތިނެއްގެ ޓްރަޔަލްގައި ހުރި ވެކްސިންތަކުގެ ތެރެއިން އެންމެ ކާމިޔާބު ދެ ވެކްސިނަކީ އެސްޓްރާޒެނެކާ ވެކްސިނާއި މޮޑާނާ ވެކްސިނެވެ. އަދި އެއީ ރާއްޖޭގެ މާހައުލަށް ބަލައި ރާއްޖެއަށް ގެނައުމަށް އެންމެ އެކަށީގެންވާ ދެ ވެކްސިން ކަމަށާއި ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަނީވެސް އެ ދެ ވެކްސިން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު