ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހުސްވި، ނޮވެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ އޭގެ ކުރީ މަހާ އަޅައިބަލާއިރު 18 ޕަސެންޓް އިތުރުވެއްޖެ އެވެ.
މީރާ އިން ކޮންމެ މަހަކު ނެރޭ މާލީ ރިޕޯޓުގެ ނޮވެމްބަރު މަހުގެ އަދަދުގައިވާ ގޮތުން މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 461.49 މިލިއަން ރުފިޔާ އެވެ. މިއީ މިއަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީއަށްވުރެ 70.92 މިލިއަން އިތުރު އަދަދެކެވެ. އޮކްޓޯބަރު މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނީ 390.57 މިލިއަން ރުފިޔާ އެވެ.
ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު 59.9 ޕަސެންޓުގެ ދަށް އަދަދެކެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު 1.15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ.
މިދިޔަ ނޮވެމްބަރު މަހު ޓެކްސްގެ ގޮތުގައި ލިބުނު 385.9 މިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބުނު 75.5 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހު ޑޮލަރުން 11.26 މިލިއަން ލިބުނެވެ.
މީރާ އިން ބުނީ ދައުލަތުގެ އާމްދަނީ މިދިޔަ މަހު ދަށްވީ ކޮވިޑް-19އާ ހެދި ކަމަށެވެ. އެގޮތުން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވުމާއި ގުޅިގެން ޓޫރިޒަމް ދާއިރާގެ އިގްތިސޯދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވި ކަމަށް އެ އިދާރާ އިން ބުންޏެވެ. އެގޮތުން ޖީއެސްޓީ އަދި ގްރީން ޓެކްސްގެ އާމްދަނީ މިދިޔަ މަހު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 15.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 42 މިލިއަން ރުފިޔާ ލިބިފައިވާއިރު ވިޔަފާރީގެ ހުއްދައިން 3.4 މިލިއަން ރުފިޔާ ލިބުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު