ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ލ. މާވަށުގައި އާ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ގޮފި ހުޅުވާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ގުރުއާން އުނގަންނައިދޭ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަޝްރޫއުގެ ދަށުންނެވެ.

އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ލ. މާވަށް ގޮފި އިފްތިތާހުކޮށްދެއްވީ އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް ގަފޫރު އަހުމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، މާވަށު ކައުންސިލް އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނި ގޮތުގައި މި ދަތުރުގެ ތެރެއިން، އެ ގޮފީގައި ގުރުއާން ކިލާސްތައް ރަސްމީކޮށް އިފްތިތާހުކޮށް، އެ ތަނުގައި އެންރޯލްވެފައިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ އެ މަރުކަޒުގެ ވަފުދުގެ ބޭފުޅުން ވަނީ ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން، އެ ގޮފީގައި ހިންގާ ގުރުއާން ތައުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކުރުމަށާއި، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާ މެދު މާވަށް ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ގޮފި ހުޅުވުމަކީ ގުރުއާނުގެ ތައުލީމު ލާމަރުކަޒީކުރުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ކީރިތި ގުރުއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޒުކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށް ދައުލަތުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، އިސްލާމީ އިލްމު ވަރުގަދަކުރުމާއި، ކީރިތި ގުރުއާން ހިފްޒުކުރުމަށް ހިތްވަރުދިނުމާއި، އަންނަން އޮތް ޖީލުތަކަށް ތައުލީމީ ފުރުސަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ގުރުއާނުގެ ތައުލީމަށް ހާއްސަ އިސްކަމެއް ދެމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.