އާޖެންޓީނާ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއަކީ ވާދަވެރިއެއްގެ ގޮތުގައި އެއްވެސް އިރެއްގައި ނުދެކޭ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
މިހާތަނަށް އެތައް ކާމިޔާބީއެއް ހޯދާފައިވާ މެސީއާއި ރޮނާލްޑޯއަކީ ގިނަ ބައެއްގެ ނަޒަރުގައި ފުޓުބޯޅަ ތާރީހު ދުށް، އެންމެ މޮޅު އަދި އެންމެ ވާދަވެރި ދެކުޅުންތެރިންނެވެ. އެއީ މީޑިއާއިންވެސް އެ ދެކުޅުންތެރިންގެ ގުޅުން ސިފަކުރާ ގޮތެވެ. އަބަދުވެސް މެސީއާއި ރޮނާލްޑޯގެ ކުރިމަތިލުންތަކަށް ހުރިހާ ލޯތަކެއް އަމާޒު ވެއެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުން ގޮސް، ގޯލް ޖެހުމާއި، އެސިސްޓް ހެދުމުގެ އަދަދަށްވެސް ބަލައި، އެ ދެކުޅުންތެރިންގެ ތަފާސްހިސާބުތައް އަޅުވައި ކިޔުމަކީ އެތައް ބަޔަކު ކުރަމުން އަންނަ މަސައްކަތެކެވެ.
ރޮނާލްޑޯ ރެއާލް މެޑްރިޑަށް ކުޅުނުއިރު، މެސީއާއި ގިނަ ފަހަރެއްގެ މަތިން ކުރިމަތިލި ނަމަވެސް، މިހާރު އެ ދެކުޅުންތެރިން އެކުގައި ފެންނަނީ މަދު ފަހަރެއްގައެވެ. ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވިފަހުން މެސީއާ ދެކޮޅަށް ކުޅެން ލިބުނީ މިއަހަރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައެވެ. ފުރަތަމަ ބުރުގައި ޖެހުނު މެޗު، ރޮނާލްޑޯއަށް ކޮވިޑް ޖެހިގެން ގެއްލުނު ނަމަވެސް، އަންގާރަ ދުވަހުގެ ރޭގެ މެޗުގައި ދެކުޅުންތެރިންވެސް ވަނީ ކުޅެފައެވެ.
މެޗު 3-0 އިން ޔުވެންޓަސްއިން ކާމިޔާބުކުރިއިރު، ރޮނާލްޑޯ ވަނީ ދެ ގޯލްވެސް ޖަހައިފައެވެ. ގިނަ ދުވަސްތަކަކަށްފަހު ދަނޑުމަތިން މެސީއާ ބައްދަލުވުމުން ކުރެވުނު އިހުސާސްތަކުގެ ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނެފައި ވަނީ މެސީއަކީ އަބަދުވެސް ގާތް މީހެއް ކަމަށާއި، ވާދަވެރިއެއް ގޮތުގައި ނުދެކޭ ކަމަށެވެ.
"މެސީއާއެކު އަބަދުވެސް ރަނގަޅު ގުޅުމެއް އޮންނާނެ. ގާތް ގަނޑަކަށް 13 ނޫނީ 13، 14 އަހަރު އެވޯޑު ސެރަމަނީތަކުގެ އެއް ސްޓޭޖަކުން ބައްދަލުވާ ކުޅުންތެރިއެއް މެސީއަކީ. އެހެންވެ ވާހަކަ ދައްކާ، ވަރަށް ގުޅުން ރަނގަޅު ކޮށް އަބަދުވެސް އޮންނަނީ. މީޑިއާގެ ބޭނުމަށް، ފުޓުބޯޅައިގެ ވާދަވެރިކަމަކީ ބޭނުންވާނެ އެއްޗެއް. އެހެންވެ ވާދަވެރިކަމަށް ފެންނަނީ. އެކަމަކު މެސީއަކީ އަބަދުވެސް ގާތް މީހެއް،" ރޮނާލްޑޯ ބުނެފައި ވެއެވެ.
ރޮނާލްޑޯ ބުނެފައި ވަނީ މެސީއަކީ އަބަދުވެސް ޓީމަށް އެންމެ ފައިދާ ކުރުވަނި ގޮތެއްގައި މަސައްކަތް ކުރާ، އިހުލާސްތެރި ކުޅުންތެރިއެއް ކަމަށެވެ. މިވަގުތު ބާސާ އޮތީ ދަތި ހާލަތެއްގައި ނަމަވެސް، ބާސާއަކީ އަބަދުވެސް އުނދަގޫ، ވަރުގަދަ ޓީމެއް ކަމަށް ރޮނާލްޑޯ ބުނެފައި ވެއެވެ.
ރޮނާލްޑޯ ރޭގެ މެޗުގައި ޖެހި ދެ ޕެނެލްޓީއާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 134 ގޯލް ހަމަކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގައި ހުރި ރޮނާލްޑޯއާއި މެސީ އެއްކޮށް، އެ މުބާރާތުގައި 252 ގޯލް ޖަހާފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު