ކޮރަޕްޝަންގެ އަމަލުތައް ހުށަހެޅޭ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެ ކަމަށާއި އެކަން އެހެން މެދުވެރިވަނީ ކޮރަޕްޝަން ހުއްޓުވަން މިސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ޓްރާންސްޕޭރެންސީ އެންޑް އެންޓި ކޮރަޕްޝަން ކޮންފަރެންސް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނެ، ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓްކުރަން ހިތްވަރު ދިނުން ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވައިލާ މީހުންނަށް ގާނޫނުން ރައްކާތެރިކަން ހޯދައިދިނުން ކަމަށެވެ.

"މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަމަލުކުރަން ފެށި ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީވެސް ކޮރަޕްޝަންގެ މައްސަލަތައް ފަޅާއަރުވައިލާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކުރުން،" ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ އަމަލުތަކަށް ދެފުށް ފެންނަ ގޮތެއްގައި ނަޒާހަތްތެރި ކަމާއެކު ޖަވާބުދާރީވެވޭނެ ސަގާފަތެއް ދައުލަތުގެ އިދާރާތަކާއި އާންމު ރައްޔިތުންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް މިގާނޫނުގެ ވަރަށް މުހިންމު މަގުސަދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ އަމަލުތައް އިތުރުވެއްޖެޔޭ. އަޅުގަނޑު ދަންނަވާނީ ވިސްލްބްލޯ ޕޯޓަލް އާއި ވިސްލްބްލޯ ގާނޫނު ވުޖޫދަށް އައި ފަހުން ކޮރަޕްޝަންގެ އަމަލުތައް ހުށަހެޅޭ މިންވަރު އެތައް ގުނައެއް އިތުރުވެއްޖެޔޭ. އެކަން އެހެން މެދުވެރިވަނީ ކޮރަޕްޝަން ހުއްޓުވަން މިސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ގަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށާއި އެފަދަ މައްސަލަތަކުގެ ތެރެއިން ތަހުގީގީ އިދާރާތަކުގެ ލަފަޔަށް ބިނާކޮށް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުން އަންނަ ކަމަށެވެ. އަދި ޕޯޓަލުން ފާހަގަވާ ކަންކަމާ މެދު، މުއައްސަސާތަކާ މަޝްވަރާކޮށް ޕޮލިސީ ލެވެލްގަޔާއި ހިންގުމުގެ ލެވެލްގައި ގެންނަންޖެހޭ އިސްލާހުތައްވެސް ގެންނަންމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2020 އިން 2022 އަށް، ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގެ ނަމުގައި ޕްލޭނެއް އެކުލަވާލައި މިހާރު އަމަލުކުރަމުން އަންނަ ކަމަށާއި މި ޕްލޭންގައިވެސް ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމާއި މާލީ ބަޔާންތައް އާއްމުކޮށް ފެންނާނޭހެން ހާމަކުރުން ކަމަށެވެ. މީގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ ބޭފުޅުން ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމުގެ ގޮތުން ގާނޫނުލް އުގޫބާތަށް ދެ ކުށެއް އިތުރުކުރުމަށް މިހާރުވާނީ ދެ އިސްލާހެއް ހުށަހަޅާފައި. އެއީ ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުން ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި ދައުލަތުގެ މުދަލާއި ފައިސާއަށް ހިނާޔަތްތެރިވުމަކީ ކުށެއްކަން ކަނޑައެޅުމުގެ އިސްލާހު. އަނެއް ކަމަކީ މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށާއި ގަވާއިދަށް، އަދި ޕްރޮކިއުމަންޓް ގައިޑްލައިންތަކަށް ބަދަލު ގެނައުން. މިކަންކަން މިގޮތަށް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިގުތިސޯދު އަލުން ކޮޅަށް ޖަހަން މިކުރާ މަސައްކަތުގެ ތެރޭގައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދޮރުތައް ބަންދުކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮންފަރެންސްގައި ކުރެވުނު މަޝްވަރާތަކުން ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުވުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދައުލަތް ހިންގުމާއި ޕްރޮކިއުމަންޓް ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތައިލުމުގައި ދައުލަތުގެ އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ ފަހި މާހައުލެއް ގާއިމުވެގެންދާނެ ކަމަށެވެ.