ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓުކުރުމަށް ގާއިމްކުރި ޕޯޓަލް އަށް މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް 1081 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައްވެސް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޓްރާންސްޕޭރެންސީ އެންޑް އެންޓި ކޮރަޕްޝަން ކޮންފަރެންސް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކޮށް ރައީސް ދެއްވި މެސެޖުގައި ވިދާޅުވީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް އެންމެ ދުވަސްވީ އެންމެ ބޮޑު އެއް ބައްޔަކީ ކޮރަޕްޝަން ކަމަށާއި ނަމަވެސް މި ބައްޔަށްވެސް ޝިފާއެއް އެބައޮތް ކަމަށެވެ. އެއީ ކަންކަން ފޮރުވުމެއް ނެތި ހާމަކަން ބޮޑު ގޮތެއްގައި އާންމުކުރުން ނުވަތަ ޓްރާންސްޕޭރެންސީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަނަކީ ވަރަށް ދުވަސްވީ ބޮޑު މައްސަލައެއް ކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ގާއިމުކުރި ޕޯޓަލްއަށް ހުށަހަޅާފައި ހުރި މައްސަލަތަކަށް ބަލައިލުމުންވެސް ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި މިބަލި ފެތުރިފައި އޮތް މިންވަރު ވަޒަންކުރެވޭ. މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އެ ޕޯޓަލްއަށް ހުށަހެޅުނު 1081 މައްސަލައިގެ ތެރޭގައި ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް އެބަހުރި ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށާއި ގާނޫނީ އަދި ޝަރުއީ އިދާރާތަކަށާއި ފުލުހާއި އެމްއެންޑީއެފްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް ވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭގެ ތެރެއިން ތަހުގީގީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް އިދާރާތަކަށް ހުށަހަޅަމުން އަންނަ ކަމަށާއި އެފަދަ 209 މައްސަލައެއް މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އޭސީސީއަށް ފޮނުވާފައިވާ ކަމަށެވެ.
އޭގެ ތެރެއިން 51 މައްސަލައެއް އޭސީސީއަށް ބަލައިގެންފައިވާ ކަމަށެވެ. އަދި ޖިނާއީ ތުހުމަތު އެކުލެވޭ މައްސަލަތައް ފުލުހުންނާ ހިއްސަކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު