ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމް ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރަން ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރި 130 ކިލޯގެ މަސްތުވާތަކެތި ހޯދައި ޝަހީބާއި އިތުރު ހަތް މީހަކު ހައްޔަރު ކޮށްފައިވަނީ މިިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ހެކި ހުށަހެޅުމުން ޝަހީބުގެ ބަންދަށް ފުރަތަމަ ދިނީ 15 ދުވަހެވެ.

ނަމަވެސް އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ފުލުހުން އޭރު ބުނީ، ޝަހީބު ދޫކޮށްލީ ތަހުގީގަށް އިތުރަށް ލިބިފައިވާ ހެކިވެސް ހުށަހެޅުމުން ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ނިންމީ، އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށް، ޝަހީބު ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށެވެ.

އެ މައްސަލަ ޝަހީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝަހީބާ ދެކޮޅަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ތަހުގީގުކުރާ ފަރާތުގެ ބަހާއި ފުލުހުންގެ ބަޔާންތަކާއި ހެކިންގެ ބަޔާންތަކާއި މޮބައިލް ފޯނު އެކްސްޓްރެކްޝަން ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެތި ފެނުނު ދޯނި، "ޖަމްބޯ" ދޯނިން މަސްތުވާތަކެތި ފެނުން ހިމެނޭ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނު ދޯނި ފާސްކުރީ ޝަހީބްގެ މަސްލަހަތު ހިމާޔަތް ކޮށްދޭނެ މީހަކު ނެތީސް ކަމަށް ޝަހީބު ބުނާއިރު، އެ ދޯންޏާ އޭނާއާ ގުޅުމެއް ނެތް ކަމަށް ޝަހީބްގެ ބުނާ ކަމަށެވެ.

އެހެންކަމުން ޝަހީބުގެ މަސްލަހަތު އެ ދޯނީގައި އޮތްކަމާމެދު ބަހުސް ކުރެވޭނެ ޖާގައެއް ނެތް ކަމަށާއި އަދި އެ ދޯނި ފާސްކުރީ އެ ދޯނީގެ ކެޕްޓަނާއި ފަޅުވެރިންގެ ހާޒިރުގައި ކަމަށްވާތީ އޭނާގެ މަސްލަހަތު ހިިމާޔަތްކޮށްދޭން ބަޔަކު ނެތި ފާސްކުރި ކަމަށް ނުބެލެވޭ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމުގައިވަނީ ޝަހީބް ބަންދު ކުރަން ހައި ކޯޓުން އަމުރުކުރީ ދަށު ކޯޓަށް އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކަމަށާއި އެހެންވެ އޭނާ ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން ޝަހީބް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކުރި އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.