އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އަމާޒަކީ އަންނަ އަހަރު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ގަނެ ވިއްކުމުގެ ރިޝްވަތުގެ މުއާމަލާތްތައް ހުއްޓުވުން ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަނުގެ ދުވަހުގެ މުނާސަބަތުގައި ޝިއުނާ ދެއްވި ހިތޯބުގައި ވިދާޅުވީ، ލޯކަލް ކައުންސިލްގެ އިންތިހާބަކީ ލާމަރުކަޒީ އުސޫލުން ގައުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ރައްޔިތުންނަށް ވަރަށް މުހިންމު އިންތިހާބަކަށްވާއިރު، މިފަދަ މުހިންމު އިންތިހާބެއްގައި އިންތިހާބީ ހައްގު އަދާކުރުމުގައި ނަޒާހަތްތެރިކަމާއެކު އެ ހައްގު އަދާކުރަން ޖެހޭ ކަމަށެވެ.
"ނަމަވެސް، ރައްޔިތުންގެ މަންދޫބުން އައްޔަން ކުރުމަށްޓަކައި ވޯޓު ދިނުމުގެ އަސާސީ ހައްގުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފެންނަމުން ނުދަނީ ކީއްވެގެންކަމާމެދު ވިސްނާ މީހުން ވަރަށް މަދެވެ. ވޯޓު ދިނުމުގައި ރިޝްވަތުގެ ހުތުރު އަމަލުތަކަށް ހުށަހެޅިގެންދާ ދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.،" ޝިއުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަންދޫބުން އައްޔަންކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބޭނުމަކީ ވޯޓު ވިއްކުމަށް ދެވޭ ލައިސެންސެއް ނޫން ކަމަށެވެ. އެއީ ތިމާވެސް ހިމެނޭގޮތަށް ދެންތިބި ހުރިހާ ރައްޔިތުންގެ މުސްތަގުބަލާމެދު ގޮތެއް ނިންމުމަށް ނަޒާހަތްތެރިކަމާއެކު ވޯޓު ދިނުމަށް ލިބިދީފައިވާ އަސާސީ ހައްގެއް ކަމަށް ބުންޏެވެ.
އެހެންކަމުން ވޯޓު ހޯދުމަށް ރައްޔިތުންގެ ކުރިމައްޗަށް އަރާ މީހުންނަކީ، ވިޔަފާރި އުސޫލުން ވޯޓު ހޯދާ މީހަކަށް ވާނަމަ، އެކަމަށް ފާޅުގައި ދެކޮޅު ހަދަން ޖެހޭ ކަމަށާއި އެގޮތަށް އަމަލު ނުކުރެވޭ ނަމަ، އިންތިހާބު ކުރެވޭ މީހަކީ މަދު ބައެއްގެ ބާރުވެރިކަމުގައި އެބަޔަކު ބޭނުންވާގޮތަކަށް އެބައެއްގެ ނުވަތަ އަމިއްލަ މަސްލަހަތުގައި ވާހަކަ ދައްކާ ކަންކަން ނިންމާ މީހަކަށް ވެގެންދާނެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އޭސީސީގެ އަމާޒަކީ، ވޯޓު ގަނެ ވިއްކުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހުއްޓުވައި، ގާނޫނީ އިމުގެތެރެއިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށެވެ. މިކަމާމެދު ކެނޑިޑޭޓުންނާއި ވޯޓު ދޭންތިބި އާންމު މީހާވެސް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.،" ޝިއުނާގެ ހިތާބުގައި ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން