ރާއްޖެއަށް ގެނައުން މަނާ ސިންގަލްޔޫސްޑް ޕްލާސްޓިކުގެ ފުރަތަމަ ލިސްޓު އަންނަ ޖެނުއަރީ މަހުގެ އެކެއްގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ވާނެކަމަށް ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކުރީ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހު ފާސްކުރަން ބޭނުންވަނީ 31 މެންބަރުންގެ ވޯޓެވެ.

މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހުކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި މި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނު މަކީ، އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނުގައި، ރައީސުލްޖުމްހޫރއިްޔާ ކަނޑައަޅުއްވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް 1 ޖެނުއަރީ 2021 އިން ފެށިގެން ރާއްޖެއަށް ގެނައުން މަނާވާނެކަމުގައި ބަޔާންކޮށްފައި ވާއިރު، އެ އިބާރާތް އޮތް ގޮތުން، އެ މާއްދާގެ ދަށުން ކަނޑައަޅަންޖެހޭ ލިސްޓު ކަނޑައެޅުމުގެ ފުރުސަތު ލިބިދެނީ ހަމައެކަނި އެއްފަހަރު ކަމަށްވާތީ، 1 ޖެނުއަރީ 2021 ގައި ގިނަ އަދަދެއްގެ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް، އެއްފަހަރާ ރާއްޖެއަށް އެތެރެކުރުން މަނާ ކުރުމުގެ ބަދަކުގައި ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށާއި ވިޔަފާރިތަކަށް ކޮށްފައިވާ އަސަރަށް ރިއާޔަތްކޮށް، އެކި މަރުހަލާތަކަށް ބަހާލައިގެން އެކި މުއްދަތުތަކުގައި ސިންގަލްޔޫސް ޕްލާސްޓިކު ރާއްޖެއަށް ގެނައުން މަނާ ކުރުމުގެ ފުރުސަތު ދިނުން ކަމަށެވެ.

މި ބިލުުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑަ އަޅުއްވާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު، އެކި މަރުހަލާތަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހުތިޔާރު ރައިސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.

އެހެން ނަމަވެސް ގާނޫނަށް މި އިސްލާހު ގެނަސް، އަމަލުކުރަން ފެށުމަށްފަހު، އެގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތީގެ ފުރަތަމަ ލިސްޓު އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ކަނޑައަޅައި ދިވެހި ރާއްޖޭގެ ގެޒެޓުގައި ޝާއިއުކުރަން ވާނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެ ލިސްޓު ގެޒެޓުގައި ޝާއިއު ކުރާއިރު، އެ ލިސްޓުގައި ބަޔާންކުރާ ސިންގަލްޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރުން މަނާވާނެ ތާރީހެއް ކަނޑައޅާފައި އޮންނަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.