ފުލުހުންގެ އިސް މަގާމުތަކުގެ ތެރެއިން ސުޕްރިިންޑެންޓުން ފެށިގެން ޑެޕިއުޓީ ކޮމިޝަނަރާ ހަމައަށް ހުރި މަގާމުތަކަށް، އަލުން މީހުން އައްްޔަންކުރަން ޖެހޭގޮތަށް މިރޭ ހުށަހެޅި އިސްލާހާއެކު ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. މިރޭ މަޖިލީހުގެ ޖަލްސާގައި އެ ބިލަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ދެ އިސްލާހެއް ހުށަހަޅުއްވައިފައެވެ. އެއީ ފުލުހުންގެ ކަންތައްތަކުގައި ގޮތް ކަނޑައަޅަން ބިލުގައި ބުނެފައިވާ ބޯޑު އެ ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވައިލަން ޖެހޭ ގޮތަށް ހުށަހެޅި އިސްލާހެވެ. އެ އިސްލާހު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

މީގެ އިތުރުން ޕޮލިސް ބޯޑު އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެއެވެ.

ޕޮލިސް ބޯޑުން މައްސަލަތައް ބަލާނީ ލާއިންސާނީ އަމަލުތަކާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ އޮފިސަރުންގެ މައްސަލަތަކެވެ. އަދި އެ މައްސަލަތައް ބަލައި ނިންމައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ބޭފުޅުން މަގާމުގައި ދެމިތިބޭނެ ކަމަށް ވެސް އީވާ ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

އީވާގެ ހުށަހެޅުންތަކާއެކު ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައިވާ ގޮތުން ރައީސް އައްޔަންކުރައްވަން ޖެހޭ ޕޮލިސް ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި އާންމުކޮށް ހުޅުވާލެވިގެން ހޮވާ އާންމު ރައްޔިތުންގެ ތެރެއިން ދެ މެންބަރުންނެވެ.

މީގެ އިތުރުން ފުލުހުންގެ ތެރޭގައި ބަޣާވަތް ކުރުމާއި އެކަމަށް ހިތްވަރު ދިނުމުގެ އިތުރުން ވަޒީފާއަށް ފިލުމަކީ ޖިނާއީ ކުށެކެވެ. ފުލުހުންގެ މުއައްސަސާ އޮޕަރޭޝަނަލް ހާލަތަށް ގެނެވިފައިވަނިކޮށް، ވެރިއެއްގެ އަމުރާ ހިލާފަށް ވަޒީފާއަށް ނުނުކުމެ ހުރުމާއި ބަޔަކާ ކުރިމަތިލާންޖެހޭ ހާލަތެއްގައި އެކަން އެނގިހުރެ ފިލުމާއި އަޅާނުލުންވެސް އެ މާއްދާގެ ތެރޭގައި ވަނީ ހިމަނައިފައެވެ.

  • ފުލުހުންގެ އިސް މީހަކަށް ނުވަތަ ވެރިޔަކަށް ލިބިދީފައިވާ ބާރެއް ނިގުޅައިގަތުން
  • ފުލުހުންގެ މަސައްކަތަށާއި ޑިއުޓީއަށް ހުރަސް އެޅުން
  • ގައުމީ ސަލާމަތައް ނުރައްކާވާ ފަދަ ހާލަތްތަކުގައި ފުލުހުންގެ ވެރިން ކުރާ އަމުރުތަކަށް ކިޔަމަން ނުވުމާއި ހަވާލުކުރެވޭ މަސައްކަތްތަކަށާއި ޑިއުޓީތަކަށް ނުދިއުން
  • ފުލުހުންގެ ހަތިޔާރާއި އާލާތްތައް ގަދަބާރުން އަތުލުން
  • ފުލުހަކު ޑިއުޓީއަށް ބަހައްޓާފައި ހުރި ތަނަކަށް ގަދަކަމުން ވަންނަން އުޅުން ނުވަތަ ބާރުގެ ބޭނުންކޮށްގެން ބިރުދައްކައި، އެތަނަކަށް ތިމާ ނުވަތަ އެހެން ބަޔަކު ވެއްދުން
  • ޑިއުޓީގައި ހުންނަ ފުލުހަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި ބާރުގެ ބޭނުން ކުރުން
  • ފުލުހުންގެ ހިދުމަތުގައި ބޭނުންކުރާ އިމާރާތްތަކަށް ނުވަތަ އާލާތްތަކަށް ނުވަތަ ވަސީލަތްތަކަށް ގެއްލުންދިނުން ނުވަތަ ހަލާކު ކުރުން

ފުލުހަކު ވަޒީފާއިން ފިލި ކަމަށް ބެލޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވާ އިރު، މީގެ ތެރޭގައި ހުއްދަ ނެތި ޑިއުޓީ ދޫކޮށް ދިއުމާއި ހުއްދަ ނުހޯދައި 14 ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުން ހިމެނެއެވެ.

މީގެ އިތުރުން ފުލުހުންގެ ހުވައަށް ބަދަލު ގެންނަންވެސް މި ބިލުގައިވެއެވެ. އެއީ "އަހުރެން އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި އެ ގާނޫނު އަސާސީން ބާރު ލިބިދޭ ގާނޫނުތައް ނެގެހެއްޓުމަށާއި، ދާހިލީ ހަމަޖެހުން ދެމެހެއްޓުމަށާއި، އިންސާނީ ހައްގުތައް ރައްކާތްތެރި ކުރުމަށާއި، އަމަން އަމާންކަން ގާއިމުކުރުމަށާއި، ދިވެހި ދައުލަތާއި ރައްޔިތުންނާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުންމަތީ ދެމިހުރުމަށް މާތްﷲ ގަންދީ ހުވައި ކުރަމެވެ،" ކަމަށް އާ ހުވައިގެ ގޮތުގައި ބިލުގައި ވަނީ ހިމަނައިފައެވެ.

މިހާރު ފުލުހުންގެ ހުވައިގައި އޮންނަނީ، "އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ހިމާޔަތްކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމި ހުރުމަށާއި ދިވެހި ގައުމުގެ އަމަންއަމާން ކަމާއި ސުލްހަމަސަލަސްކަން ދަމަހައްޓައި، ދިވެހި ދައުލަތާއި ވެރިންނާއި، ރައްޔިތުންނާއި މުދާ ހިމާޔަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ކެރިހުރެ، މާތްالله ގަންދީ ހުވާކުރަމެވެ،" ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަން "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ފުލުހުންގެ ނަން ބަދަލުކުރުމަށްވެސް ބިލުގަވެއެވެ. ނަމަވެސް ދިވެހި ފުލުހުންގެ ހިދުމަތަށް އިނގިރޭސިބަހުން ބޭނުން ކުރާނެ ނަމަކީ، "މޯލްޑިވްސް ޕޮލިސް ސާވިސް" ކަމަށްވެސް ބިލުގައިވެއެވެ.