2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަސްތުވާތަކެތި އަތުލުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ. އުޖާލާގެ ބަަލައި ފާސްކުރުމުގައި ފުލުހުންތަކެއް މީހަކަށް އަނިޔާކުރި މައްސަލައިގައި ފިޔަވަޅު އެޅުމުން އެކަމާ ހިތްހަމަނުޖެހިގެން އިހުތިޖާޖު ކުރި ފުލުހުންގެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ޖެހޭ ކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ފުލުހުންގެ މައްސަލަ އެންއައިސީން އަލުން ބެލުމަށް އެ ކޮމިޝަނަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، މިރޭގެ ޖަލްސާގައި އެ ރިޕޯޓު ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

އެކަމާ ގުޅިގެން ފުލުހުންތަކެއް އިހުތިޖާޖުކުރި މައްސަލަ ކޮމިޓީން ބެލުމަށްފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި ބުނެފައިވަނީ، އެ އޮޕަރޭޝަންގައި މީހަކަށް ފުލުހުން އަނިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، އެ މައްސަލައާ ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑް ކުރި ކަމަށެވެ.

އެކަމާ ގުޅިގެން ބައެއް ފުލުހުން ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކޮށް އިހުތިޖާޖެއް ފެށި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކޮމިޓީއާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ކޮމިޓީން ބުނެފައިވަނީ އެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން އަލުން ބަލައި ތަހުގީގުކޮށް، އެ ކޮމިޝަންގެ ތަހުގީގީ ރިޕޯޓް އެ ކޮމިޓީއަށް ހުށަހަޅަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އެ ރިޕޯޓުގައި ބުނެފައިވަނީ އެ މައްސަލައިގައި ފުލުހުން ހިންގި އިހުތިޖާޖުގެ ސަބަބުން ފުލުހުންގެ މުޅި މުއައްސަސާ ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ.

އެހެންވެ އެފަދަ އިހުތިޖާޖުތައް ތަކުރާރުވިޔަ ނުދިނުމަށާއި އެފަދަ އަމަލުތަކަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުން ގެންދިއުމަށާއި، އެފަދަ އިހުތިޖާޖުތަކުން މުއައްސަސާ ސަލާމަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ކަމާ ގުޅޭ މާއްދާތައް ހިމެނުން އަވަސްކުރުމަށް ވެސް ރިޕޯޓުގައި މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައި ވެއެވެ.

އެހެންކަމުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް ފުލުހަކު އިހުތިޖާޖުގެ އެެއްވެސް އަމަލެއް ހިންގުމާއި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް ކަނޑައަޅައި އަދަބު ދޭން ޖެހޭ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމެނުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ވަނީ ނިންމައިފައެވެ.

ކޮމެޓީ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެ މައްސަލައިގައި ފޭސްބުކް ޕްރޮފައިލް ކަޅު ކުލައަށް ބަދަލުކުރިކަމަށް ފާހަގަކުރެވުނު ހުރިހާ ފުލުހުންގެ ޕްރޮފައިލް އެހެން ކުލައަކަށް ބަދަލުކުރުމުން އެ ފުލުހުންނަށް ނަސޭހަތްދިނުން ފިޔަވައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމެވުމަކީ ކޮމިޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ބާވަތުގެ އިހުތިޖާޖުތަކަކީ ފުލުހުންގެ މުއައްސަސާ ފަދަ މުއައްސަސާއެއްގެ އަހުލާގީ އަދި ސުލޫކީ މިންގަނޑު ކަމަށް ކޮމިޓީއަށް ގަބޫލު ނުކުރެވޭ ކަމަށާއި އެބާވަތުގެ އިހުތިޖާޖުތަކާ ގުޅޭ އެފަދަ ކަމެއް ފުލުހުންގެ އެއްވެސް މީހަކު ހިންގާނަމަ އެ އަމަލަކަށް އެކަށޭނަ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅިފައި އޮތުން މުހިއްމު ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގެ އެއްވެސް ފުލުހަކު އިހުތިޖާޖުގެ އެއްވެސް އަމަލެއް ހިންގުމާއި އެފަދަ އެއްވެސް އަމަލެއްގައި ބައިވެރިވުމަކީ ކުށެއްކަމަށް ކަނޑައަޅައި އެކަމަށް އެކަށޭނަ އަވަސް ފިޔަވަޅުތަކާއި އަދަބުތަކާއި އެ ފިޔަވަޅުތަކާއި އަދަބުތައް ކަމާގުޅޭ ފަރާތްތަކުން އަވަސްކޮށް އެޅުމަށާއި ތަންފީޒު ކުރާނެ ގޮތުގެ ކަމާގުޅޭ މާއްދާތައް ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުންނާއި އަދި ކަމާބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން އަވަސް ކުރުމަށް،" ވެސް އެ ރިޕޯޓުގައި ވަނީ ގޮވާލައިފައެވެ.

މ. އުޖާލާގެ ބަަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި ބައެއް މީހުން ހައްޔަރުކޮށް އެގެއިން 461 ގްރާމްގެ މަސްތުވާތަކެތި ހޯދާފައިވެއެވެ.