އެމްޓީސީސީން ތިލަފުއްޓަށް ބާއްވާ ކާގޯ ފެރީގެ ދަތުރުތައް އިތުރުކޮށްފިއެވެ.

މީގެ ކުރިން އެމްޓީސީސީން ތިލަފުއްޓަށް ކާގޯ ދަތުރުތައް ބާއްވަމުން އައީ ހަފްތާއަކު ހަތަރު ދުވަހުއެވެ.

އެމްޓީސީސީން މިއަދު ބުނީ، މާދަމާއިން ފެށިގެން ހަފްތާއަކު ހަ ދުވަހު ތިލަފުއްޓަށް ކާގޯ ފެރީގެ ދަތުރުތައް ބާއްވާނެ ކަމަށެވެ. ނަމަވެސް އާދިއްތަ ދުވަހާއި އަންގާރަ ދުވަހު އަދި ބުރާސްފަތި ދުވަހު ތިލަފުއްޓަށް ކާގޯ ފެރީ ދާނީ ގުޅީފަޅުގައި ބަނދަރުކުރުމަށް ފަހު ކަމަށެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް ޑިވިޝަންގެ އޮޕަރޭޝަން އޮފިސަރު މުހައްމަދު ތޯރިގު "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ދަތުރުތައް އިތުރުކުރީ ތިލަފުށީ ކަސްޓަމަރުންގެ ޑިމާންޑް ބޮޑުވުމުން ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ މާލެ އާއި ވިލިނގިއްޔާ ދެމެދު ބާއްވާ ކާގޯ ފެރީގެ ތާވަލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. އެގޮތުން މިހާރެކޭވެސް އެއްފަދައިން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ދެ ދަތުރު މާލެއާ ވިލިނގިއްޔާ ދެމެދު ކުރާނެއެވެ.

ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައިވެސް އެމްޓީސީސީން ކާގޯ ފެރީގެ ހިދުމަތް ދެއެވެ.