މި ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދިފާއަށްޓަކައި ކުރީގެ ރައީސް ޔާމީން އަޑު އައްސަވަން ބޭނުންފުޅުވާ ސީޑީތައް އަޑުއެއްސެވުމަށާއި އިތުރު ލިޔެކިޔުންތައް ބެލުމަށް ވަކީލުންނާއެކު ރައީސް ޔާމީނަށް ފުރުސަތު ހަމަޖައްސައި ދިނުމަށް ދައުލަތަށް އަންގައި، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަރު ބޭނުން ކުރުމާއި މަނީލޯންޑާ ކުރުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ނިންމާލައިފި އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހަށް މި މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލް ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ، މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ އިތުރުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވިޝަރީއަތުގެ މަޖިލީހުގައި، ދިފާއަށް ބޭނުންވާ ޑޮކިއުމެންޓްތައް ހިމެނޭ ސީޑީއާއި އެކަމާބެހޭ ލިޔެ ކިއުންތައް ބެލުމަށް 15 ދުވަހުގެ މުއްދަތެއް ބޭނުންވާކަމަށް ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވިއެވެ.

އެކަމާގުޅިގެން އިސް ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ އެކަމަށް 15 ދުވަހުގެ މުއްދަތެއް ދެވިދާނެ ކަމަށާއި، ނަމަވެސް އެކަންތައްވަނީ އެ މުއްދަތުގައިވެސް އެކަން ކޮށްގެން ކަމަށެވެ. އަދި ޝަރީއަތް ކުރިއަށް ގެންދެވޭނީ އެކަންތައްތަކުގައި އެއްބާރުުން ލިބިގެން ކަމަށާއި، ދެފަރާތުންވެސް އެކަށީގެންވާގޮތުގައި އެއްބާރުުން ނުދޭކަމަށް ވަންޏާ ޝަރީއަތް ކުރިއަށގެންދަން ދަތިވާނެ ކަމަށްވެސް އިސް ގާޒީ ވިދާޅުވިއެވެ.

އެއަށްފަހު އިސް ގާޒީ ވިދާޅުވީ، ޑޮކިއުމެންތްތައް ހިމެނޭ ސީޑީތައް ބެލުމުގެ އިންތިޒާމު ޑިސެންމަބަރު މަހުގެ 15 އަށް ހަމަޖެހިފައިނުވާނަމަ ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ސިޓީއަކުން ޝަރީއަތަށް އަންގަވަން ވާނެ ކަމަށެވެ. އަދި އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހާ ހަމައަށް އެ ތަކެތި ބަލައި ނިންމުމުގެ ފުރުސަތު ކަރެކްޝަނަލް ސާވިސް މެދު ކޮށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނަށް ފަހިކޮށްދިނުމަށްވެސް އިސް ގާޒީ ދައުލަތަށް އެންގެވިއެވެ.

އެއަށްފަހު މިއަދުގެ ޝަރީއަރުުގެ މަޖިލިސް ނިންމަވާލައްވަމުން އިސް ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑު އެހުމުގައި ޑޮކިއުމެންޓްތަކާމެދު ވާހަކަ ދެއްކުމެއް ނޯންނާނެ ކަމަށާއި އޮންނާނީ ޝަރީއަތް ކުރިއަށް ގެންދިއުން ކަމަށެވެ.