ތުރުކީން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރު ކުރަމުންދިޔަ ބޭރުގެ އާގު ބޯޓެއްގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްދީފި އެވެ.

އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ "މޭސޯރާ" ނަމަކަށް ކިޔާ ބޯޓުގައި ހުރި އުމުރުން 40 އަހަރުގެ ފިލިޕީންސް ފިރިހެން ފަޅުވެރިއެއްގެ ބޮލަށް ގެއްލުން ލިބިގެން ސިއްހީ އަވަސް ފަރުވާއަށް އެދުނު ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)ގެ އެހީތެރި ކަމަށް އެ ބޯޓުން އެދިފައިވަނީ އިއްޔެ ހަވީރު 17:30 ހާއިރު އެވެ.

އެމްއެންޑީއެފުން ބުނީ، އެ ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމަބޭހެ އިދާރާތަކުގެ ހުއްދައާއެކު ބޯޓް މިއަދު ލ.ގަމު ހުޅަނގު ދެކުނުން 30 ނޯޓިކަލް މޭލަށް، ކައިރި ކުރުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ ބަލިމީހާ މިއަދު ހެނދުނު 08:30 ހާއިރު ލ.ގަމަށް ގެންގޮސްދީފައިވާ ކަމަށެވެ. އެ މީހާއަށް މިހާރު ފަރުވާދެމުން އަންނަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.

އެމްއެންޑީއެފުން ބުނީ، މި ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ އާގުބޯޓެއް ކަމަށެވެ.