މިދިޔަ މަހު 35،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަން ސާވިސް އިން ބުނެފި އެވެ. މިއީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި މަހެވެ.
އިމިގްރޭޝަނުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން، މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް 35،756 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު، 66 ޕަސެންޓް ކުރިއެރުމެކެވެ. އޮކްޓޯބަރު މަހު ރާއްޖެއަށް އައިސްފައިވަނީ 21،515 ފަތުރުވެރިންނެވެ.
ތަފާސްހިސާބްތަކުން ދައްކާ ގޮތުން އެވެރެޖްކޮށް މިދިޔަ މަހު ދުވާލަކު 1192 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެންމެ ގިނައިން އެއް ދުވަސް މަތިން އައިސްފައި ވަނީ 2299 ފަތުރުވެރީންނެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން ރާއްޖެއަށް 8581 ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާއިން އައީ 7610 ފަތުރުވެރިިންނެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 2093 ފަތުރުވެރިންނެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް 16 އަށްވުރެ ގިނަ އެއާލައިނަކުން އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި އެމިރޭޓްސް އާއި ގަތަރު އެއާވޭސް އާއި އިިތިހާދު އެއާވޭސް ފަދަ މަޝްހޫރު އެއާލައިންތައް ހިމެނެއެވެ. މީގެ އިތުރުން މިއަހަރުގެ ތެރޭގައި އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 500،000 ފަތުރުވެރިން ގެނައުމެވެ. ފިނި މޫސުމާ ދިިމާކޮށް، ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާއި ރާއްޖޭގެ ގެސްޓްހައުސްތައް ވެސް މިހާރު ހުޅުވާލާފައިވުމުން، މިނިސްޓްރީގެ އަމާޒަށް މިއަހަރުގެ ތެރޭގައި ވާސިލުވެވޭނެ ކަމުގެ އުންމީދު ބޮޑެވެ. އެއީ ކޮންމެ އަހަރެއްގެވެސް މި ދުވަސްކޮޅަކީ ފަތުރުވެރިކަމުގެ އޮކިއުޕެންސީ އެންމެ ރަނގަޅު ދުވަސްވަރަށް ވުމުންނެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް