ގައުމަށް މިހާރު ދިމާވެފައިވާ އިގުތިސާދީ އަދި އިޖުތިމާއީ ގޮންޖެހުންތަކުން އަރައިގަތުމަށް ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ. ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފުކުރުމާއި އިންޖީނުގެ އެއް ނެޓްވޯކަކުން ގުޅާލުމާއި ފުޓުބޯޅަ ދަނޑު ހުޅުވުމުގެ އިތުރުން ގިނަ މަޝްރޫއުތަކެއްް އިފްތިތާހުކުރުމަށް ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ.

ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކުރުމަށް މަސްވެރިކަމުގެ ސިނާއަތާއި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކޮވިޑުގެ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބުނު ފަދަ އެއްބާރުލުމެއް އިގުތިސާދު އާރާސްތުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައިވެސް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މިހާރު ގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި އިޖުތިމާއީ ގޮންޖެހުންތަކުން އަރައިގަތުމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވާނެ. ކޮވިޑް 19އާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށް ރައްޔިތުން އެއްބާރުލުން ދެއްްވި ފަދައިން އިގުތިސާދީ ކަންކަމުގައިވެސް އެހީތެރިވާނެ ކަމަށް އުންމީދު ކުރަން." ރައީސް ވިދާޅުވިއެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް އެއްކޮށް ހުއްޓިފައި އޮތުމަށް ފަހު ފަތުރުވެރިން ރާއްޖެ ގެންނަން ފަށާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ކޮވިޑުގެ ސަބަބުން ދައުލަތުގެ އާމްދަނީއާއި ގައުމީ އުފެއްދުންތެރިކަންވެސް ވަނީ ބޮޑުތަނުން ދަށްވެފައެވެ.